Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ގަން ކޯޒްވޭ ކޮޅުގައި ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅި!

ގަން ކޯޒުވޭގެ ގަމާވީ ކޮޅުގެ މޫދަށްޕްލާސްޓިކް ފުޅިތައް ޖަމާވެފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަމާއި ފޭދު އާ ދެމެދު އޮންނަ ކޯޒުވޭގެ ގަމާވީ ކޮޅުގެ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި އަދި އެ ނޫން ވެސް އެކި ބާވަތްތަކުގެ ކުނި ޖަމާވެ، އެ ސަރަހައްދު ވަރަށް ތައައްޔަރުވެއްޖެ އެވެ.

ގަން ޕޮލިސް ސްޓޭޝަން ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި އަދި އެމްވީކޭ އިން ހިންގާ ގޭން އައިލެންޑް ރިޓްރީޓް (ޖީއައިއާރް) ގެ ތޮށިގަނޑާ ވެސް ގުޅިފައި އޮންނަ ޖެޓީގެ ފާލަމުގެ ކޮޅަށް ގިނަ އަދަދެއްގެ ޕްލާސްޓިކް މިވަގުތު ވެސް ހުރީ ޖަމާވެފަ އެވެ. އެ ސަރަހައްދުގައި މިވަގުތު ހުރީ އެމްއެންޑީއެފާއި ފުލުހުންގެ އުޅަނދުތަކެއް ވެސް އަޅާފަ އެވެ.

އެ ޖެޓީ މިހާތު އާންމުކޮށް ބޭނުން ކުރަމުން އަންނަނީ އެމްްއެންޑީއެފް ސަދަން އޭރިއާ އިންނެވެ.

ޖެޓީ ސަރަހައްދުގައި މިއަދު ހުޅުނު ސިފައިންގެ މީހަކު ބުނީ ކޯޒުވޭ ގަމާވީ ކޮޅުގެ ކަނާ ދިމާއަށް ކުނި ޖަމާވަނީ އާންމުކޮށް ފޭދޫން އޮޔާ ދާ ކުނި ކަމަށެވެ. އަދި އޮޔާ އެކު ޕްލާސްޓިކް ފުޅި އާއި އެ ނޫން ބާވަތްތަކުގެ ކުނި އެތަނަށް ޖަމާވުމަކީ އާންމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ދިމާލުން މި ތަނަށް ކުނި އަޅާ ބަޔަކު ނޫޅޭނެ ޔަގީނުން ވެސް. ބައެއް ފަހަރު އޮޔާ އެކު ފޭދު އާ ދިމާލުން އަންނަ ފުޅި ފަދަ ތަކެތި މިތަނަށް ޖަމާވެފައި އޮންނަނީ،" އޭނާ ބުންޏެެވެ. "އަޅުގަނޑުމެން މިތަން ސާފު ވެސް ކުރަން. ސާފު ނުކުރާ ނަމަ މި ވަރަކަށް ނޫން ދެއްތޯ މިތާނގަ ކުނި އޮންނާނީ."

އެ ސަރަހައްދަކީ އައްޑު އަށް އަންނަ ޔޮޓްފަހަރު ވެސް ބަނދަރު ކުރާ ސަރައްދެވެ. މިހާރު ވެސް އެ ސަރަހައްދުގައި ކެނެޑާގެ ޔޮޓެއް އެބަ އޮތެވެ.
އަދި ޓޫރިސްޓުން އަންނަ ތަނެއް އެހާ ހަޑިކޮށް އޮންނާނީ ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވެގެން ވާހަކަ ވެސް ދައްކަ އެވެ.