ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދާދި ދެންމެއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސައުދު ހައްޔަރުކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް އިދިކޮޅު ފަރާތްތަކުން ވަނުމާއި ގުޅުމެއް ވާކަމަށް ބެލެވެއެވެ.
ފުލުހުން ސައުދު ހައްޔަރުކޮށްފައިވަނީ ޖުމުހޫރީ ޕާޓީގެ ޖަގަހަ، މ.ކުނޫޒްގައި ހުންނަވަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއެކު ކުނޫޒަށް ގޮސްފައެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ރޭގެ ވަގުތެއްގައި ކޯޓު އަމުރަކާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ވައްޑެ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެމްބަރަކު މަޖިލިސް ތަޅުލާފައިވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާކުމަށްފަހު އެތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ސައުދު ހައްޔަރުކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ ތިން މެމްބަރަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ރިޝްވަތު ދިން މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ މައްސަލަ ބާތިލުކޮށްދިނުމަށް އެދި ސައުދު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި އެމައްސަލައާ ގުޅޭގޮތުން އެކޯޓުން ވަކި ގޮތެއް ނިންމަންދެން ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދުވެސް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ވަނީ ބަލައިގެންފައެވެ.