Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މިރޭ ބާއްވާ ގާސިމްގެ ޝަރީއަތް ސިއްރުކޮށްފި

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމްގެ މައްޗަށް ކުރާ ޝަރީއަތުގެ މިރޭގެ އަޑުއެހުން ސިއްރު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ގާސިމްގެ މައްސަލަ ސިއްރުކުރަން ނިންމި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް އަޑުއެހުމަށް ނަން ނޯޓު ކުރި ނޫސްވެރިންނަށް ޝަރީއަތް ސިއްރުކޮށްފައިވާތީ ނުވަދެވޭނެކަން އަންގާފައެވެ.

ގާސިމްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާ އިރު ވަކީލަކު އައްޔަން ކުރުމަށް ގާސިމްއަށް ދެއްވާފައިވަނީ އެންމެ 9 ގަޑިއިރެވެ.

ގާސިމްގެ ޝަރީއަތް މިރޭ ފެށުމަށް ހަމަޖެހިފައިވަނީ 8 ޖަހާއިރުއެވެ. ގާސިމްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.

ގާސިމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހަފްތާއެއްހާ ދުވަހަށް އެމަނިކުފާން ވަނީ އޭޑީކޭގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެއްވާފައެވެ.