Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މެމްބަރުންނަށް ހުރަސްއެޅުން ޓްރާންސްޕޭރެންސީ ކުށްވެރިކޮށްފި

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މެމްބަރުން މަސައްކަތް ކުރުމުން ދައުލަތުގެ ސަލާމަތީ ބާރުތަކުން މަޖިލިސް ތަޅުލުމަށްފަހު މެމްބަރުން ބޭރުކުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޓީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ދައުލަތުގެ ސަލާމަތީ ބާރުތަކުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުރަސްއެޅުމުގެ ގޮތުން މަޖިލިސް ބަންދުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި ގާނޫނު ހަދާ މަޖިލީހަށް އެއްވެސް ހާލަތެއްގައި ނުފޫޒު ފޯރުވެވިގެން ނުވާނެ ކަމަށާއި އެއްވެސް ފަރާތަކުން މަޖިލީހުގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައިގެން ނުވާނެކަން ޓީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޖިލިސް މެމްބަރުންނަށް އަނިޔާކޮށް، ފުރައްސާރަކުރާތަން އާންމު ރައްޔިތުންނަށް ފެނުމަކީ ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިހުތިރާމު ފަނޑުވެގެންދާނެ ކަމެއް ކަމަށް ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އިއްޔެގެ މުޒާހަރާގެ ކުރިން ބްރޯޑްކޮމްއިން ގާނޫނާއި ޚިލާފު މުޒާހަރާތައް ގެނެސްދޭ ޓީވީ ސްޓޭޝަންތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށާއި ގާނޫނު އަސާސީއިން އެންމެހާ ރައްޔިތުންނަށް ލިއްބައިދޭ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ދައުލަތުގެ އެންމެހާ ވުޒާރާތަކަށް ޓީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.