ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދަފްތަރުގައި ހިމަނާފައިކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޚަލީލް މޫސަގެ މައްސަލާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން މޫސަ ޕީޕީއެމާއި ގުޅިފައިވާކަން އެމަނިކުފާނަށް ވަނީ އެނގިފައިކަމަށެވެ.
ދަފްތަރުގައިވެސް ހިމެނިފައިވާތީ މޫސަގެ ގޮނޑި ގެއްލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޚަލީލް ވިދާޅުވެފައިވެއެވެ.
ޕީޕީއެމްއިން ވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށްފަހު 6 މެމްބަރަކު ޕާޓީން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ 6 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހަށް އަންގާފައެވެ.