ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާމެދު ބޭރުގެ 10 ގައުމަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.
އިނގިރޭސި އެމްބަސީން ނެރުނު މިބަޔާނުގައި ބުނެފައިވަނީ 10 ގައުމަކުން ރާއްޖޭގެ ހާލަތާމެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.
އިނގިރޭސި އެމްބަސީއިން ނެރުނު މިބަޔާނުގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އިނގިރޭސިންގެ އިތުރުން އެމެރިކާ، ފްރާންސް، ޖާމަނީ، ނެދަލޭންޑްސް، ނޯވޭ، ސްވިޒަލޭންޑް، ކެނެޑާ، އިޓަލީ އަދި ސްރީ ލަންކާއިން ދެކޭ ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީއަށް ވަނީ ހުރަސްތަކެއް އެޅިފައެވެ.
ގަދަ ބާރުން ގައުމުގެ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، ސިފައިންނާއި ފުލުހުން މަޖިލިސް ވަށާލައި، މަޖިލީހުގެ މެމްބަރުންނަށް އަނިޔާކޮށް، ފުރައްސާރަކޮށް އަދި މެމްބަރުން ހައްޔަރުކުރަމުންދާތަން ބަލަމުންދަނީ ހިތާމައާއެކުގައި ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް އަސާސްގެ ގޮތުގައި ޒިންމާދާރު އިދިކޮޅު ފަރާތެއް އޮންނަން ޖެހޭއިރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކަށް މިނިވަންކަމާ ގާނޫނު އަސާސީއިން އެންމެހާ ރައްޔިތުންނަށް ލިބިދޭ ހައްގުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އިނގިރޭސި އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދިވެހި ސަރުކާރާއި ޒިންމާވާންޖެހޭ އިދާރާތަކަށް ދިވެހި ރާއްޖޭގައި މިނިވަންކަން ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ކުރުމަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލިހަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުނަ ނުދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށްވެސް ގޮވާލާފައިވެއެވެ.