Last Updated: July 26, 18:11
Sunday, July 26, 2026
ރިޕޯޓް

ސައުދު ހައްޔަރު ކުރުމުގައި ފުުލުހުން ތަބާވީ ޣައިރު ޤާނޫނީ އަމުރަކަށް!

އިއްޔެ އިރު އޮއްސުނު ގަޑީގައި ފުުލުހުންގެ ޓީމެއް މ.ކުނޫޒަށް ގޮސް، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހައްޔަރު ކުރިއެވެ.

ސައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ކޯޓު އަމުރު ފުުލުހުން ވަނީ އޭނާ އާއި ހަވާލުކޮށްފައެވެ. ކޯޓު އަމުރު ވިދާޅުވުމަށް ފަހު ސައުދު އުފެއްދެވި ސުވާލަކީ، "މަޑުއްވަރީ ދާއިރާގެ މެންބަރު ހެކި ނައްތާލަފާނެތީ ތިމަންނާ ހައްޔަރު ކުރަންވީ ކީއްވެގެންތޯ؟" އެވެ.

އެ ސުވާލަށް އެ ވަގުތު ސައުދު ހައްޔަރު ކުރުމުގައި ހަަރަކާތްތެރިވި ފުލުހުން ދިން ޖަވާބަކީ، "އަމަލު ކުރަމުން ދަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ކޯޓު އަމުރުގެ ދަށުން" ކަމަށެވެ.

ފުލުހުން އަމަލު ކުރި ގޮތުން ހާމަވެގެން ދިޔައީ، ސައުދު ހައްޔަރު ކުރުމުގައި ޤާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާއި ޚިލާފަށް ފުލުހުން އަމަލު ކުރި ކަމެވެ. އެކަން ހާމަވެ، ފާޑުކިޔުންތައް އަމާޒުވުމުން ސައުދު ދޫކޮށްލި ނަމަވެސް ފުލުހުން ޤާނޫނާއި ޚިލާފަށް ސައުދު ހައްޔަރު ނުކުރާ ކަމުގައި ވާނެ ހެއްޔެވެ؟ އަދި އެ އަމަލު ހިންގި ފުލުހުން ތަންފީޒު ކުރި ޣައިރު ޤާނޫނީ އަމުރު، ސައްހަ ވާނެ ހެއްޔެވެ؟

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޒީ އާދަމް އަރީފް ނެރުނު އަމުރުގައި ބުނެފައި ވަނީ، ސައުދު ހުސައިން ހައްޔަރުކުރަނީ، " މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ" ކަމަށެވެ.

މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ކޯޓުތަކުން ނެރެފައިވާ އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުން ދެކޮޅު ހަދާފައި އެބަހުއްޓެވެ.

އެގޮތުން ޖުލައި މަހުގެ 6 ވަނަ ދުވަހު ފުލުހުން ނޭދެނީސް، ޕީޕީއެމް އަށް ނިސްބަތްވާ ގއ. ކަނޑުހުޅުދޫ ކައުންސިލަރަކު ހައްޔަރުކުރަން އެއަތޮޅު ވިލިނގިލީ ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒެއް ނުކުރިއެވެ. އޭރު ފުލުހުން ވަނީ އެ އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ޤާނޫނު އަސާސީގެ 246 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުން އަމަލުކުރަންވާނީ ފަރުދުންގެ މެދުގައި ހަމަހަމަ ކަމާއި އެކުގައި ކަމަށް ވަނީ ބަޔާންކޮށްފި ވާއިރު މެންބަރު ސައުދު އާއި މެދު ވަކި ގޮތަކަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

މީގެ ކުރިން ވެސް، ކޯޓު އަމުރުތަކުގައި މައްސަލަތަކެއް ހުރުމުން އެ ކަން ކޯޓު މެދުވެރިކޮށް ފުލުހުން އިސްލާހު ކޮށްފައިވެއެވެ. އެހެން ނަމަވެސް ރޭ ފުލުހުންނަށް އެކަން ކުރާނެ ވަގުތެއް ވެސް ނުވީ ކަމަށް ވެދާނެއެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ ދަށުން ހައްޔަރު ކުރި ސައުދު ދޫކޮށްލީ "ކްރިމިނަލް ކޯޓުގެ އަމުރުގައި މައްސަލަތަކެއް ހުރި ކަމަށް" ފުލުހުން ވަނީ ބުނެފައެވެ. މައްސަލަތަކެއް ހުރި އަމުރެއްގެ ދަށުން ސައުދު ހައްޔަރު ކުރަަން ފުލުހުންނަށް މަޖުބޫރު ވެދާނެ ހެއްޔެވެ؟

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 245 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ކުރާ ޣައިރު ޤާނޫނީ އަމުރަކަށް ނުވުމުގެ ހައްގު ކޮންމެ ފުލުހަކަށް ވެސް ލިބިގެން ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންމެ މުވައްޒަފަކު ވެސް އެމީހަކަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފަން ޖެހޭނީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ސައުދު ހައްޔަރު ކުރެވުނީ، "މައްސަލަތަކެއް ހުރި" ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ފުލުހުން ސައުދު ދޫކޮށްލި ކަމުގައި ވިޔަސް ފުލުހުންގެ އެ އަމަލު އެއީ ޣައިރު ޤާނޫނީ އަމުރެއް ތަންފީޒު ކުރުން ކަމުގައި ނުބެލެވޭނެ ހަމައެއް ނެތެވެ.