ދިވެހި ރާއްޖެ ބޭރުގެ ނުފޫޒުތަކުން މިންޖު ނުވެވިގެން އުޅެނީ ދިވެހިންގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތޯބުގައި ވިދާޅުވީ ބޭރުގެ ނުފޫޒުތައް އަދިވެސް ރާއްޖެއަށް ކުރިމަތި ވަމުން އަންނަ ކަމަށާއި އެކަމުން ސަލާމަތްވުމަށް ނޫނެކޭ ބުނުމުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ މިއަދު ހަމަ ދިވެހިންގެ ފަރާތުން ކަމަށެވެ.
ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރައީސް ޔާމީން ގައުމާއި މުޚާތަބު ކުރައްވަމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ނަމަކީ އަމަން އަމާންކަމާއި ގުޅި ލާމެހިފައިވާ ނަމެއް ކަމަށެވެ. މުޅި ދުނިޔެއަށް ދިވެހި ރާއްޖެ މަޝްހޫރުވެފައިވަނީ ނަލަކަމާއި، ހަމަޖެހުމުގެ ސުވަރުގެއެއްގެ ގޮތުގައި ކަމަށާއި ދިވެހި ރައްޔިތުންގެ ހިތްހެޔޮ މިޒާޖާއި އެކުވެރިކަމަކީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ހިތާމައަކީ މިއަދު، އެދުވަސް މާޒީވެފައިވާ ކަމާއި އެދުވަސް ގެއްލެމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
"ހަމަޖެހުމާއި އަމާންކަމުގެ ޒަމާން އަތުނުޖެހޭ ހަމަޔަށް ދިޔުމުގެ އިންޒާރުގެ ރަނގަބީލު ޖަހަން ފަށައިފިކަން ވެސް ޤަބޫލް ކުރަން ޖެހޭ. ޒަމާނުއްސުރެ ހިނގަން ލިބިފައިވާ ފައިތިލަ ވަޅެއް ނެތް، އޮމާން ހުދު ފަސްގަނޑުގެ ރާސްތާ، ޙަސަދައިގެ ކަނިތަކުންނާއި، އަނިޔާވެރިކަމާ އެކު ޤަތުލުކުރި، ބިމަށް އޮހެރުވޭ ދިވެހިންގެ ލެއިން ފޯވެފައިވާކަން ޤަބޫލު ކުރަން ޖެހޭ،"
ރާއްޖޭގެ ސިޔާސީ ނިޒާމު ބިނާވެފައިވަނީ އަމިއްލަ ފައިދާއިން ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ހަމަނުޖެހުން އުފެއްދޭގޮތަށްކަން ޤަބޫލުކުރަންޖެހޭކަމަށާއި މިފަދަ ކަންކަމަށް އިޖާބަ ދީގެން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ތަރައްގީ ހާސިލު ނުވާ ކަމަކީ ހަގީގަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.