ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓްތަކުގައި ސަލާމަތީ ބާރުތަކުން މިދިހަ ހޯމަ ދުވަހު ތަޅު އަޅުވައި ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހުގެ ތެރެއަށް ވަތް މެމްބަރުން ފުލުހަށް ހާޒިރުވާން އަންގަން ފަށައިފި އެވެ.
މިހާތަނަށް ތިން މެމްބަރަކަށް ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު އެ ތިން މެމްބަރުންވެސް ހާޒިރުވުމަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ.
މިހާތަނަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ.
މިރޭ 8:00 އަށް ރިޔާޒް ހާޒިރުވުމަށް ފުލުހުން އަންގާފައިވާއިރު ފަލާހާއި އިބޫ ހާޒިރުވުމަށް އަންގާފައިވަނީ މާދަމާގެ ވަގުތުތަކެއްގައެވެ. ފަލާހް މާދަމާ މެންދުރު ފަހު 3:00 އަށް ހާޒިރުވުމަށް އަންގާފައިވާއިރު އިބޫ ހާޒިރުވުމަށް ފުލުހުން އެންގީ ހަވީރު 5:00 އަށެވެ.
ހޯމަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކޮށްފައިވާއިރު ސަލާމަތީ ބާރުތަކުން ވަނީ މަޖިލިސް ބަންދުކުރުމަށްފަހު މެމްބަރުންނަށް މިއަދު މަޖިލީހަށް ވަދެވޭނީ ހަމައެކަނި މުވައްޒިފުންނަށް ކަމަށް އަންގާފައެވެ.
ނަމަވެސް މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުންނާ ދެމެދު ކުރިމަތިލާފައިވާއިރު ބައެއް މެމްބަރުން ވަނީ ފާރުމަތިން އަރައި މަޖިލިސް ތެރެއަށް ވަދެފައެވެ. މެމްބަރުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެސްވެފައެވެ.