Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންތަކެއް ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ބާއްވަމުން ދިޔަ އެއްވުން ކަވަރު ކުރަމުން ދިޔަ ނޫސްވެރިން ތަކެއް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށައް 7 ނޫސްވެރިއަކު ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަންގު ޓީވީގެ ހަތަރު ނޫސްވެރިއަކާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއެކެވެ. އެނޫސްވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ލައިވް ކުރާ ސާމާނާއި އެކުއެވެ.

ރާއްޖެ ޓީވީން ބުނީ އެޗެނަލްގެ ނޫސްވެރިންނާއި ލައިވް އިކުއިޕްމެންޓް ގެންގޮސްފައިވާ އިރު ބައެއް ސާމާންތަކަށް ގެއްލުން ލިބިފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބޭކަމަށް އެޗެނަލްއިން ބުންޏެވެ.

ރާއްޖެ ޓީވީން ބުނީ އެޗެނަލްގެ ނަސީރު ލައިވް ކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަންގުޓީވީން ހައްޔަރުކޮށްފައިވަނީ އެސްޓްޝަންގެ ވީޑިއޯ ޖާނަލިސްޓު ޔާމީން އާއި ކެމެރާމަން ޝަނޫން، ޖަނާހު އަދި ރިއްފަތުއެވެ. ރާއްޖެޓީވީއިން ބުނި ގޮތުގައި މިރޭ ހައްޔަރުކޮށްފައިވަނީ އެ ސްޓޭޝަންގެ ތިން ނޫސްވެރިޔެކެވެ. އެއީ ނޫސްވެރިޔާ ވިސާމާއި މުރުޝިދު އަދި ކެމެރާމަން މަމްދޫހެވެ.

ނޫސްވެރިންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންތަކެއް ވަނީ ފުލުހުންގެ މައި އިދާރާއަށް ގޮސް ހައްޔަރު ކުރި ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ހައްޔަރު ކުރި ނޫސްވެރިންނާއި ބައްދަލު ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ނޫސްވެރިން ދޫކޮށްލާނެކަމަށެވެ.

ހައްޔަރު ކުރި ނޫސްވެރިންގެ ތެރެއިން ސަންގު ޓީވީގެ ނޫސްވެރިއަކަށް ސީރިއަސް އަނިޔާލިބިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ފުލުހުން ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ސީދާ ލައިވް ކަަވަރޭޖް ހުއްޓުވާލުމަށްކަމަށް އެސަރަހައްދުގައި ތިބި މީހުން ބުނެއެވެ.