Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޚަބަރު ގަޑިއާ ދިމާކޮށް މީޑިއާ ނެޓުން ކަރަންޓް ކަނޑާތީ އިހްތިޖާޖްކޮށްފި

އައްޑޫގައި މީޑިއާ ނެޓްގެ ޚިދުމަތް ފޯރުކޮށްދޭ 'އައިލެންޑް ޓީވީ' އިން ކޮންމެ ރެއެއްގެ ޚަބަރު ގަޑިއާ ދިމާކޮށް ކަރަންޓް ކަނޑަމުން ގެންދާތީ ހިތަދޫގެ ރައްޔިތުންތަކެއް ނިކުމެ އިހްތިޖާޖްކޮށްފި އެވެ.

ރޭގެ މި އިހްތިޖާޖްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

މީޑިއާ ނެޓާ ގުޅިގެން އައްޑޫގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ އައިލެންޑް ޓީވީގެ ދޮަށަށް ރައްޔިތުން އެއްވެ ނުރުހުން ފާޅު ކުރި ރައްޔިތުން ބުނެފައިވާ ގޮތުގައި، ފެނަކަ އިން ކަރަންޓު ކަނޑަނީ "ރާއްޖެ ޓީވީ ނުފެންނަ ގޮތް ހެދުމަށް" ކަމަށެވެ.

އެހެން ނަމަވެސް މި ތުހުމަތުތައް ފެނަކަ އައްޑޫ އޮފީހުން ދޮގު ކުރެ އެވެ.

"ލޯޑް މަތިވާ ގަނޑިތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑުމަކީ ދިމާވާ ކަމެއް. ވަކި ޓީވީ ޗެނަލެއް ނުބެލޭ ގޮތް ހެދުމަށް ކުރާ ކަމެއް ނޫން އެއީ." ފެނަކަ އައްޑޫ އޮފިޝަލަކު ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދޭ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް މައްސަލަ ދިމާވާ ފަހަރުތަކުގައި، މީޑިއާ ނެޓުން ކަރަންޓު ކަނޑާލުމަކީ މީގެ ކުރިން ވެސް ފެނަކަ އިން ކުރަމުން އަންނަ ކަމެކެވެ. އެކަން އެގޮތަށް ކުރަނީ އިންޖީނުތަކަށް ލޯޑް ކުޑަ ކުރުމުގެ ގޮތުންނެވެ.

އިންޖީނުތަކަށް ލޯޑު ކުޑަކުރުމުގެ ގޮތުން ބައެއް ފަހަރަށް މަގުބައްތި ވެސް ނިއްވާލައެވެ.

ނޯޓިހަކާ ވެސް ނުލައި ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ފެނަކައިން ގޭބިސީތަކަށް ފޮނުވި ނޯޓިހެއްގައި ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރަން ތިން ހަތަރު ދުވަސް ހޭދަ ވާނެ ކަމަށެވެ.

އައްޑޫގެ މައި އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމަށް 2013 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވާ އިރު މިހާތަނަށް އައި އިރު ވެސް އައްޑޫގެ އަވަށްތަކުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރެވިފައެއް ނުވެ އެވެ.