Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ކަންކަމަށް ހުރަސް އަޅަނީ ބަލިވާތީތޯ: މައުމޫން

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިސްލާހީ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށާއި ސަރުކާރުން ސަލާމަތީ ބާރުތަކާއި ކޯޓުތައް ބޭނުން ކުރައްވަނީ ބަލިވާތީތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލު އުފައްދައިފި އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތެއް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، އެތައް ބަޔަކަށް އަނިޔާވެފައިވާއިރު އޭގެތެރޭގައި ނޫސްވެރިންވެސް ވަނީ ހިމެނިފައެވެ. ރައީސް މައުމޫންގެ ނުތަނަވަސްކަން ބިނާވެފައިވަނީ ރޭގައި ފުލުހުންގެ އަމަލުތައް ހުރި ގޮތަށް ކަމަށް ބެލެވެއެވެ.

ރާއްޖެ ޓީވީއާއި ސަންގު ޓީވީގެ ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާއިރު ކެމެރާމަނުން ބޭނުންކުރި ކެމެރާތައްވެސް ހަލާކުވެފައިވާ ކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.

އަދި ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، މެމްބަރުން މަޖިލިސް ތެރެއަށް ވަނުމަށް މަސައްކަތް ކުރުމުން ބައެއް މެމްބަރުން އެކަމާއި ގުޅިގެން ފުލުސް އިދާރާއަށް ހާޒިރުކުރުމަށް ޗިޓު ފޮނުވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެދުވަހު މަޖިލިސް ތެރޭގައި ފުލުހުންގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާފައެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުން މަޖިލީހަށް ވަދެފައިވަނީ ސިފައިންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ސިފައިން ބުނެފައިވަނީ ސިފައިން ރަޔޮޓު ގިއަރުގައި މަޖިލިސް ތެރޭގައި ހަރަކާތްތެރިވެފައިވަނީ މަޖިލީހުން އެދިގެން ކަމަށެވެ.