Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މަގުގެ މަސައްކަތް ވަރަށް ގާތުން އެބަ ބަލަން: ކައުންސިލް

ކައުންސިލަރުންތަކެއް ދާދި ފަހުން މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ ފޮޓޯ/ ސޯބެ އެފްބީ ޕޭޖް.

ސްރީ ލަންކާ ސަރުކާރުގެ އެހީގައި އައްޑޫގެ ތިން ރަށެެއްގެ މަގު ހެދުމުގެ މަސައްކަތް އެ ގައުމުގެ ކުންފުންޏަކުން ކުރިއަށް ގެންދާ އިރު، މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ލަންކާ ސަރުކާރުގެ 11 މިލިއަން ޑޮލަރު (171 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ އާ އެކު ހަދަމުން އަންނަ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިންނެވެ.

ޓޮމް ވިދާޅުވީ ތިން ރަށުގެ ބޮޑު މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާ އިރު، މަރަދު އާއި މަރަދޫފޭދޫގެ މަގު މިހާރު އޮތީ ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ ލޭޔާތައް އަޅައި ތާރު އެޅުމަށް ތައްޔާރުވެފައި ކަމަށެވެ. އަދި ފޭދޫ މަގު އެއްކޮށް ލެވެލްކޮށް ނިންމައި ސިންކްޕިޓް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެއާ އެކު ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި ލައިޓް ޕޯސްޓް ޖެހުމުގެ މަސައްކަތްތައް ވެސް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ޓޮމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ލައިޓްތައް މި ޖަހަނީ ކުރިއަށް ވުރެ ތަރުހީބުކޮށް ކޮންމެ 120 ފޫޓަކުން ލައިޓް ޕޯސްޓެއް އިންނަ ގޮތަށް. މަގުގެ އެއް ފަޅީގައި ލައިޓްތައް މި ޖަހަނީ. އެގޮތަށް މި ޖަހަނީ މަގުގެ ފުޅާމިނަށް ވެސް ބަލާފައި އެއް ފަޅީގައި ލައިޓްތައް ޖެހުމުން މަގަށް ހަމަ ވަރަށް ރަނގަޅަށް އަލި ކުރެވޭތީ. ތިން ރަށުގެ ބޮޑު މަގުގެ ފުޅާ މިނުގައި ގާތްގަޑަކަށް މި ހުންްނަނީ 30-35 ވަރަކަށް ފޫޓް."

އޭނާ އިތުރަށް ވިދާޅުވީ ތިން ތާރު އެޅުމުގެ މަސައްކަތް ކުރިން ފަށާ ގޮތަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެހެން ނަމަވެސް ލަންކާ އިން މިހާރު ތާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނާނީ 15 ގެ ފަހުން ތާރު އަޅަން ފެށޭނެ ކަމަށް ޓޮލް ވިދާޅުވި އެވެ.

"އެކަމަށް ބޭނުންވާ މެޝިނަރީޒްތައް ވެސް އައްޑޫގައި ހަމަ ރެޑީއަށް ހުރީ،" އޭނާ ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މަގުގެ މަސައްކަތް އެޕްރީލްގެ ނިޔަލަށް ނިންމާލެވޭނެ. އޭރުން ހިތްގައިމު ރީތި މަގުތަކެއް އޮންނާނީ އާންމުން ބޭނުން ކުރުމަށް ހެދިފައި."

ޓޮމް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މަގު ހެދުމުގެ ގޮތުން ފޭދޫގެ ހުޅަނގުކޮޅުން ވެލި އަޅައިގެން ހިއްކާފައި އޮތް ސަރަހައްދުގައި ރިވެމެޓްމަންޓް ތޮށިގަނޑެއް ލާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކައުންސިލުން މިހާރު މަޝްވަރާ ވެސް ކުރަމުން އަންނަ ކަމަށެވެ.

"މަގުގެ ރައްކަލަކަށްޓަކައި އެ ސަރަހައްދުގެ ހިމާޔަތަށް ތޮއްޓެއް ލާން ޖެހޭ. އެހެންވެ މިހާރު ނިންމާފައި އޮތީ ގައުކެނޑީގެ ހުޅަނދު ފަރާތުގައި އޮތް ކަހަލަ ރިވެޓްމަންޓެއް ފޭދޫކޮޅުގައި ލާން. އެކަމަށް ހަރަދު ވާނެ ބަޖެޓް ހޯދާނެ ގޮތަކާ ދޭތެރޭ ކައުންސިލް ތެރޭގައި މިހާރު ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ. "މި އަހަރުތެރޭގައި އެކަން ނުފެށުނު ނަމަވެސް އަންނަ އިރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ އެންމެ ފުރަތަމަ ކުރާނެ ކަމަކަށް ވާނެ ފޭދޫކޮޅުގައި ރިވެޓްމަންޓެއްލުން."

ޓޮމް އަދި ވިދާޅުވީ ތިން ރަށުގެ މަގުގެ މަސައްކަތް ނިމިގެންދާ އިރު ފޭދު އާއި މަރަދޫފެދޫ ގުޅޭ ކޯޒުވޭ އަށް ބަދަލުތަކެެއް ގެނެވިފައި ހުންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަގު ބޭނުން ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އައިސީސީން ތިން ރަށުގެ މަގު ހަދަން ފަށާފައި ވަނީ ސެޕްޓެމްބަރު 6، 2012 ގަ އެވެ.