Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އައި ރަނާސްގެ މެރަތަންއެއް އަންނަ މަހު އައްޑޫގައި ބާއްވަނީ

"އައި ރަނާސް"ގެ ފަރާތުން އައްޑޫގައި މެރަތަން އެއް ބޭއްވުމަށް ނިންމައިފި އެވެ.

'އައްޑޫ މެރަތަން' ނަމުގައި އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މެރަތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މެރަތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ކުރަން ޖެހެނީ، އައިރަނާސް އިން އައްޑޫ މެރަތަން އަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށެވެ.

އައްޑޫގައި، ކަސްރަތު ކުރާ ފަރާތްތަކަށް ޚާއްސަ ޓްރެއިނިން ތަކެއް ކުރިއަށް ގެންދާ އައިރަނާސްގެ ފަރާތުން ބާއްވާ މި މެރަތަން އަކީ ފަހުގެ ތާރީޚެއްގައި އައްޑޫގައި ބާއްވާ މިފަދަ ފުރަތަމަ މެރަތަން އެވެ.

އައިރަނާސް އިން ބާޢްވާ މެރަތަންގެ ދިގުމިނަކީ، 42.2 ކިލޯމީޓަރެވެ. އަދި ހާފްމެރަތަން ފުރިހަމަ ކުރުމަށް 21.1 ކިލޯމީޓަރަށް ދުވަން ޖެހޭއިރު، 10 ކިލޯ މީޓަރ އަދި 5 ކިލޯ މީޓަރުގެ ދުވުމެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން (6 އަހަރާއި 12 އަހަރާއި ދެމެދު) ދެ ކިލޯމީޓަރުގެ ދުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އައިރަނާސް އިން މައުލޫމާތު ދެއްވައެވެ.

'އައިރަނާސް'ގެ ފަރާތުން ވާހަކަ ދެއްކެވި ހުސައިން ޝުޖާއު ބުނި ގޮތުގައި މި މެރަތަން އަކީ، އައްޑޫގެ ރައްޔިތުން ކަސްރަތުކުރުމުގެ މާހައުލަށް ނެރެ ކަސްރަތުކުރުމަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.

"އައްޑޫ ތިބި ހުށިހެއި ކުދިން އޭއްވީ ދިވާއް. ވަކި އުމުރަކި ބާކިންނަށް އޮތް ކަމަށް ނުން ކަސްރަތު ކެރުމާއި ދިވުމަކީ. ކޮންމި މީހަކާ އަށަސް ވޭނެ ކަމަށް ދިވުމަކީ،"

އައިރަނާސް އިން 'އައްޑޫ މެރަތަން' އަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހަކު ހެނދުނު، ހާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެއެވެ. ފަތިސް ނަމާދަށް ފަހު، ހިތަދޫ ޕޮލިސް ސްޓޭޝަން ސަރަހައްދުން ފަށާ ފަރިތަކުރުންތަކުގައި ބޭނުން ކޮންމެ ފަރާތަކަށް އެ ތަމްރީނު ތަކުގަައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އައިރަނާސް އިން މައުލޫމާތު ދެއެވެ.