Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ވެނެޒުއެލާގެ އިންތިޚާބާ ގުޅިގެން މުޒާހަރާތައް މަނާކޮށްފި

ފޮޓޯ: ރޮއިޓާސް

އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެނެޒުއެލާގެ ޤާނޫން ހަދާ މަޖިލީހުގެ މެމްބަރުން ހޮވުމުގެ އިންތިޚާބަށް ބުރޫއަރާނެ ނުވަތަ އަސަރު ކުރާނެ މުޒާހަރާތައް ބޭއްވުން އެޤައުމުން މަނާކޮށްފިއެވެ.

އެޤައުމުގެ އިންޓީރިއަރ މިނިސްޓަރު ވިދާޅުވާ ގޮތުގައި އިންތިޚާބަށް ބުރޫއަރާ ގޮތަށް މުޒާހަރާ ކުރާ ކޮންމެ މީހަކު ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށެވެ.

މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިއަދާއި ހަމައަށް މުޒާހަރާތަކާއި ގުޅުންހުރި ހަމަނުޖެހުންތަކުގައި ވެނެޒުއެލާގައި 100 މީހުން ވަނީ މަރުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މުޒާހަރާ ކުރުމަށް މަނާ ކުރުމަކީ ޑިކްޓޭޓާރޝިޕަކާއި ދިމާއަށް މިސްރާބު ޖެހުން ކަމަށެވެ.

ވެނެޒުއެލާގެ ވެރިރަށް ކަރާކަސް ގެ އެމްބަސީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެޤައުމު ދޫކޮށްލުމަށް އެމެރިކާ އިން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އެމްބަސީގައި މަސައްކަތް ކުރާ އެމެރިކާގެ ރައްޔިތުން ވެސް ބޭނުންނަމަ، ޤައުމުން ބޭރުވުމުގެ ހުއްދަ ވަނީ ދެވިފައެވެ.

48 ގަޑިއިރުގެ އާންމު މުޒާހަރާއެއް މިހާރު ދަނީ ވެނެޒުއެލާގައި ކުރިއަށް ގެންދަމުންނެވެ. އަދި ބުރާސްފަތި ދުވަހު އުތުރު ކަރަބޯޑޯ ސްޓޭޓްގައި އޮތް މުޒާހަރާއެއްގައި 49 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

ވެނެޒުއެލާގެ ސަރުކާރުން މުޒާހަރާ ކުރުން މަނާކޮށްފައި ވީނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައެވެ.

މުޒާހަރާ ކުރުން މަނާކޮށްފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާއި ހަމައަށެވެ.