ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހާއްސަ މެހްމާނެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތަނުން ޕާކިސްތާނުގެ ބޮޑުވަޒީރު، ނަވާޒު ޝަރީފު މަގާމުގައި ހުރުމަށް ކުފޫ ހަމަނުވާ ކަމަށް ނިންމައި މަގާމުން ދުރުކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންވަނީ ނަވާޒު ޝަރީފުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައެވެ.
ފަނޑިޔާރު އާސިފް ސައީދު ޚޫސާ ރިޔާސަތު ބަލަހައްޓާ ބެންޗުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ. ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 1990 ވަނަ އަހަރު އޭނާ އެގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުރެގެން މަނީ ލޯންޑަރިންގެ ތުހުމަތުތަކާއި އިނގިރޭސި ވިލާތުން އަގުބޮޑު މުދާތައް މިލްކުކުރުމުގެ ތުހުމަތުގައެވެ.
ކޯޓުން ވަނީ ކުރިއަށް އޮތް ހަފްތާތެރޭގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބޯޑުގެ މައްޗަށް އަމުރުކޮށްފައެވެ.