ޕާކިސްތާނު ފަދަ މިނިވަން ޝަރުއީ ނިޒާމެއް މި ރާއްޖޭގައި ގާއިމުވެފައި އޮތްނަމަ މިހާރު ރައީސް ޔާމީން ޑިސްކޮލިފައިވާނެ ކަމަށް މިވެރިކަމުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޖަމީލް ވިދާޅުވެފައިވަނީ މިނިވަން ޝަރުއީ ނިޒާމެއް ގާއިމުވެފައި އޮތްނަމަ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި އެކަނިވެސް މިހާރު ރައީސް ޔާމީން ވެރިކަމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި މަގާމުން ދުރުކުރާނެ ކަމަށެވެ.
ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފައިވަނީ 1990 ވަނަ އަހަރު އޭނާ ބޮޑުވަޒީރު ކަމުގައި ހުރިއިރު މަނީ ލޯންޑަރިން އާއި އިނގިރޭސި ވިލާތުން އަގުބޮޑު މުދާތަކެއް މިލްކު ކުރި މައްސަލާގެ ތުހުމަތުގައި އެގައުމުގެ ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހުގައެވެ.
އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނުވާކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވިނަމަވެސް އެކަމުގައި ބައިވެރިވިކަމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެފައިސާގެ 80 އިންސައްތަ ވީތަނެއް އެނގޭނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.