ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްސަ ދައުވަތުފުޅަކަށް ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ޝަރަފުގައި ދިވެހި ސަރުކާރުން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ސުޕްރީމް ކޯޓުން މިހާރު މަގާމުން ދުރުކޮށްފައިވާ ނަވާޒު ޝަރީފް ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކޮށްލެއްވުމަށް ވަޑައިގެންފައިވަނީ ޖުމެއިރާ ރިސޯޓަށެވެ.
President Yameen spent more than 2M only for former Prime Minister Nawaz Shareef's stay at Jumeirah
— Ahmed Mahloof (@AhmedMahloof) July 28, 2017
ޔޫއޭއީގެ ހޮޓެލެއް ކަމަށްވާ ޖުމެއިރާގެ ރިސޯޓުތައް ރާއްޖޭގައި ހަދާފައިވާއިރު ޖުމެއިރާ ހޮޓެލްތަކާއި ރިސޯޓުތަކަކީ ފެންވަރު ރަނގަޅަށް ފަރުމާކޮށް، އަގުބޮޑު ޚިދުމަތް ފޯރުކޮށްދޭ ރިސޯޓުތަކެވެ.
ނަވާޒުގެ ހުރުމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ޔާމީން ޚަރަދު ކުރައްވާފައިވާ ކަމަށް މަހޭ ވިދާޅުވެފައިވާއިރު މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން މިއަދު ނަވާޒް ޝަރީފް ދުރުކޮށްފައިވާއިރު އަންނަ ހަފްތާތެރޭގައި އޭނާއާއި އޭނާގެ އާއިލާގެ މައްސަލަ ޓްރައިބިއުނަލްއަށް ފޮނުވުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.