Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ސައުދު ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއްލާން ކުރި ގއ. ވިލިނގިލީ ދާއިރާގެ މަޖްލިސް މެމްބަރ ސައުދު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ސައުދު މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ވަޑައިގެންފައިވަނީ އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާއި އެކު މައުލޫމާތު އާއްމުކުރުން އެކަމުގެ ތަފްސީލު ހޯދުމަށެވެ.

ސައުދު ހައްޔަރު ކުރިކަން ފުލުހުން ޔަގީންކޮށްދީފައިވާ އިރު މީގެ ކުރިންވެސް ކޯޓު އަމުރެއްގެ ދަށުން ސައުދު ހައްޔަރު ކުރިއެވެ. ނަމަވެސް ކޯޓު އަމުރުގައި ސައުދުގެ ނަމުގެ ބަދަލުގައި މެމްބަރ އަމީތުގެ ނަން ޖެހިފައި އޮތުމުން ކޯޓު އަމުރު ސައްހަ ނޫންކަމަށް ނިންމައި ފުލުހުން ވަނީ ސައުދު ދޫކޮށްލާފައެވެ.

އޭގެ ފަހުން ރޭ ދެން ފެނުނީ ސައުދު ހޯދުމަށް ފުލުހުން އާއްމު އިއްލާނެއް ކުރިތަނެވެ. އެއިއްލާނާއި ގުޅިގެން ސައުދު ވިދާޅުވީ ނުފިލާނެކަމަށެވެ.