Last Updated: May 20, 17:51
Monday, May 20, 2024
ރިޕޯޓް

52 ވަނަ މިނިވަން ދުވަހަށް ލިބުނީ ނަޒާހަތްތެރިކަން ނެތް މީހެއް!

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފަށް މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތު ގެއްލިފައިވާކަމަށް އެގައުމުގެ ސްޕްރީމްކޯޓުން މިއަދު ނިންމައިފިއެވެ. މި ނިންމުމާއި ގުޅިގެން ނަވާޒް ޝަރީފު މަގާމުން އިސްތިއުފާދެއްވައިފިއެވެ. ސްޕްރީމްކޯޓުން އެބުނަނީ ކޮން ހައިސިއްޔަތެއް ގެއްލުނުވާހަކަ ބާވައެވެ. ގެއްލުނީ އިތުބާރުގެ ހައިސިއްޔަތެވެ. ނަޒާހަތްތެރިކަމުގެ ހައިސިއްޔަތެވެ. އިޚުލާސްތެރިކަމުގެ ހައިސިއްޔަތެވެ. އެހެންވީމާ އެގެއްލުނީ މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެވެ.

ނަވާޒު ޝަރީފުގެ ކިބައިގައި އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން ނެތްކަމަށް ސްޕްރީމްކޯޓުން ނިންމާފައިމިވަނީ އޭނާ ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ގައުމަށް އެނބުރިވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އެހެންވީމާ ދިވެހިރާއްޖެއަށް ނަވާޒު ޝަރީފު މިކުރެއްވި ދަތުރުފުޅަށްވެސް ނަޒާހަތްތެރިކަމާއި އިޚުލާސްތެރިކަމުގެ ދުރުމިޔަކުން ބަލައިލާން އެބަޖެހެއެވެ. ތަހުލީލު ކުރާން އެބަޖެހެއެވެ.

މިނިވަން ދުވަހަކީ ގައުމެއްގެ ކަލަންޑަރުގައި އަންނާނެ އެންމެ މުހިއްމު ދުވަހެވެ. އެދުވަސް ޝަރަފުވެރިކޮށް ދިނުމަށް އަޅުގަޑުމެން ގެނައީ ނަވާޒް ޝަރީފެވެ. އަޅުގަޑުމެންނާއި އެންމެ ގާތުގައިވާ އިސްލާމީ ގައުމުގެ ބޮޑުވަޒީރެވެ. ދީނާއި ދުނިޔަވީ ކަންކަމުގައި އަޅުގަޑުމެންނަށް ނަމޫނާ ދައްކަން އެންމެ އެކަށީގެންވާ ގައުމުގެ އެންމެ އެކަށީގެންވާ މަގާމުގައި ހުންނެވީ ނަވާޒް ޝަރީފެވެ. އެހެންވީމާ އޭނާއަށް ދައުވަތު ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މިދައުވަތު އޭނާއަށް ދިނުމުގެ ކުރިން ބަލަންޖެހޭ އެއްވެސް ކަމަކަށް އަޅުގަޑުމެންނަށް ބެލިފައި ނެތެވެ. އަދި މިދައުވަތު ގަބޫލުކުރުމުގެ ކުރިން ނަވާޒް ޝަރީފު ބައްލަވަން ޖެހޭ ކަންކަމަށް އޭނާވެސް ބައްލަވާފައި ނުވެއެވެ. މިކަންކަމަށް ބެލުނުނަމަ ނަވާޒް ޝަރީފު ދިވެހިރާއްޖެއަކަށް ވަޑައިނުގަންނަވާނެއެވެ.

ބަލަންޖެހޭ ކަންކަމުގެ ތެރެއިން އަޅުގަޑުމެންނަށް ނުބެލުނީ ކޮންކޮން ކަންތަކަކަށް ބާވައެވެ. ނަވާޒު ޝަރީފަށް ދައުވަތު ދިންއިރު ޚިޔާނާތާއި މަކަރާއި ނަހަމަ ނުފޫޒާއި ގުޅޭ ބޮޑު މައްސަލައެއް އޭނާއާ ދެކޮޅަށް ޕާކިސްތާނުގެ ސްޕްރީމްކޯޓަށް އޮތީ ހުށައެޅިފައެވެ. ކޯޓުގެ ނިޔާ އަންނާނީ ނަވާޒް ޝަރީފާއި ދެކޮޅަށްކަން ގާތްގަޑަކަށް އޮތީ ކަށަވަރުވެފައެވެ. ހުކުމް އިއްވުން އޮތީ އަދުތޯ މާދަންތޯ ވެފައެވެ. މިކަމަށް ރިއާޔަތެއް ނުކުރެވެއެވެ. ނުކުރެވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މިލިބުނީ ބޮޑުވެގެންވާ ލަދުވެތިކަމެކެވެ.

ނަވާޒް ޝަރީފަށްވެސް އޭނާގެ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައިކަން އެނގިވަޑައިގަންނަވައެވެ. ނަޒާހަތްތެރިކަން ނެތްމީހެއްގެ ގޮތުގައި މަގާމު ގެއްލުމުގެ ފުރުސަތު ބޮޑުކަން އެނގިވަޑައިގަންނަވައެވެ. އެހެންވިއްޔާ އަވަށްޓެރި އިސްލާމީ ގައުމެއްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް މިއީ އެކަށޭނަ ވަގުތު ނޫންކަން އެނގިވަޑައިގަންނަވާނެއެވެ. ދެތިން ދުވަސްފަހުން މަގާމުން ދުރުކުރީމާ ދައުވަތު ދިން ގައުމަށް ކުރިމަތިވާނެ ލަދުވެސް އެނގިވަޑައިގަންނަވާނެއެވެ. އެކަމަކު މީންކަމަކަށް ނުބައްލަވައެވެ. ބެއްލެވީ ދެދުވަހަކަށް ނަމަވެސް ފިކުރުތަކާ ދުރުގައި ހުންނެވޭނެ ގޮތެކެވެ. އެހެންވީމާ ނަވާޒު ޝަރީފުގެ އިޚުލާސްތެރިކަން ނެތީ ހަމައެކަނި ޕާކިސްތާނުގެ ރައްޔިތުންނަކަށް ނޫނެވެ. އެ އިޚުލާސްތެރިކަން ދިވެހި ރައްޔިތުންނަކަށްވެސް ނެތެވެ.

ދެންއޮތީ އެހެން މައްސަލައެކެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީސްކުރާގެޔަކީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކުޅަ ހަދިޔާއެކެވެ. އެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ނަވާޒު ޝަރީފު ވަޑައިގެންނެވިއެވެ. އެއީ ކުރީފަހަރެއްގައި އޭނާ ބޮޑުވަޒީރުކަން ކުރެއްވިއިރުއެވެ. މަޖިލީސްކުރާގެޔަކީ ޕާކިސްތާނާއި ދިވެހިރާއްޖޭގެ ފަންސާސް އެއްއަހަރުވީ ގުޅުމުގެ އެންމެބޮޑު ރަމްޒެވެ. ނަވާޒް ޝަރީފު މިފަހަރު ކުރެއްވި ދަތުރުފުޅުގައި އޭނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން މާލޭގައި ދަމާފައިވާ ފޮތިގަޑަކުން ދުށީމެވެ. ރައްޔިތުންނާއި ރައްޔިތުންގެ ގުޅުމަކީ މިދެގައުމުގެ ރަހުމަތްތެރިކަމުގެ ބިންގަލެވެ. އެހެންކަމަށް ވަނީވިއްޔާ މިފަހަރު ރައްޔިތުންގެ މަޖިލީސްކުރާގެޔަށް ވަޑައިނުގެންނެވީ ކީއްވެގެންބާވައެވެ. މަޖިލީސް މެންބަރުންނާ މުޚާތަބްކުރައްވައި ރަމްޒީ ތަގްރީރެއް ނުދެއްވީ ކީއްވެގެންބާވައެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ މުއާމަލާތުގެ އަސާސްތަކާ ޚިލާފުވެވަޑައިގެންނެވީ ކީއްވެގެންބާވައެވެ. ޖަވާބު ވަރަށް ސާފެވެ. ނަވާޒް ޝަރީފުގެ ކިބައިގައި ހަމައެއްވެސްކަމަކަށް އިޚުލާސްތެރިކަން ނެތީއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކުޅަ އެންމެ ބޮޑު ހަދިޔާގެ ތެރޭގައި ހުންނަވައިގެން މަޖިލިސް މެންބަރުންނާއި ދިވެހި ގައުމާ މުޚާތަބު ކުރެއްވިނަމަ ނަވާޒް ޝަރީފަކީ ހެޔޮއެދޭ އަވަށްޓެރިޔަކަށް ދިވެހި ރައްޔިތުން ގަބޫލުކުރާނެއެވެ. ރާއްޖޭގެ ޑިމޮކްރަސީއާއި ގާނޫނީ ހުކޫމަތާއި ދުޅަހެޔޮކަމަށް އަވަށްޓެރި އިސްލާމީ ޕާކިސްތާނުން މަދަދުކުރާނެކަމުގެ ޔަގީންކަންވެސް ލިބޭނެއެވެ. އެކަމަކު މިފެނުނީ އެހެން މަންޒަރެކެވެ. ޕާކިސްތާނުން ކުޅަ ހަދިޔާގައި ދިވެހި ސިފައިންތިބީ ބޮޑުތަޅު އަޅުވައިގެންނެވެ. މަޖިލީހުގެ އަގުލަބިއްޔަތު އޮތް އިދިކޮޅު މެންބަރުން ތިބީ ބޭރުކޮށްލެވިފައެވެ. މީންކަމަކަށް ނަވާޒު ޝަރީފުގެ ކަޅި އަމާޒެއް ނުވިއެވެ. ވިދާޅުވި ބަސްފުޅެއްވެސް ނެތެވެ. އެހެންވީމާ ބުނަންޖެހެނީ މިސަރަހައްދުގައި ޕާކިސްތާނަށް ލިބިގެންވާ ދައުރު އަދާކުރުމުގައިވެސް ނަވާޒް ޝަރީފުގެ ފަރާތުން އިޚުލާސްތެރިކަމެއް ނުފެނުނުކަމުގައެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން އެހެން ގައުމުތަކަށް ވަޑައިގަންނަވާއިރު ބައްދަލުކުރައްވަނީ ހަމައެކަނި އެވަގުތެއްގައި ސަރުކާރު ހިންގާން ތިބޭ ބަޔަކާ ނޫނެވެ. އިދިކޮޅު ލީޑަރުންނާވެސް ބައްދަލުކުރައްވައެވެ. ޚާއްސަކޮށް ސިޔާސީ އުދާސްތަކެއް އުފެދިފައިވާނަމަ އެކަމެއް ހައްލުކުރެވޭތޯ މެދުވެރިއެއްގެ ދައުރުވެސް އަދާކުރައްވައެވެ. އެފަދަ ފުރުސަތެއްނެތްކަމަށްވާނަމަ ދަތުރުފުޅެއް ނުކުރައްވާނެއެވެ. ނަވާޒު ޝަރީފު މިފަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މިކަހަލަ ކަމެއްވެސް ނެތެވެ. ކުރީފަހަރު ވަޑައިގެންނެވިއިރު ވެރިކަމުގައި ހުންނެވި ރަހުމަތްތެރިޔާ މައުމޫން އަބްދުލްގައްޔޫމު ހުންނެވި ހާލުކޮޅެއްވެސް ނުބައްލަވައެވެ. މިއީވެސް ނަވާޒު ޝަރީފުފަދަ ލީޑަރަކާ އެކަށީގެންވާ ކަމެއް ނޫނެވެ.

އަދިވެސް މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އެކަމަކު ދިގުވާތީ ކުރުކޮށްލީއެވެ. ނިންމާލަމުންވެސް ބުނަންއޮތީ މިހެންނެވެ. ދިވެހިރާއްޖޭގެ ފަންސާސްދެވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް މިފަހަރު ގެނެވުނީ އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސް ނެތްމީހެކެވެ. އެހެންވީމާ ދިވެހި ގައުމު ލަދުގެންފިއެވެ. ދިވެހިރައްޔިތުން މިތިބީ ލަދުންނެވެ.