ސ. ހުޅުދޫ މާފިށި ސަރަހައްދުގައި މިއަދު ހަވީރުން ފެށިގެން ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެެވެ.
ހުޅުދޫން "އައްޑޫ ލައިވް" އާ މިރޭ ވާހަކަ ދެެއްކި މީހަކު ބުނީ މާފިށި ސަރަހައްދުގެ 10 ދިމާލެެއްގައި މިހާރު ވެސް ވަަރަށް ބޮޑަށް އަލިފާން ހިފައި އަނދަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެެއްލުމެއް މިހާތަނަށް ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"ނޭނގޭ ކީއްވެގެން ކަމެއް އެ ސަރަހައްދުގައި ރޯވެގެން އުޅެނީ. ބޮޑަށް ލަފާ ކުރެވެނީ ބަޔަކު ރޯކޮށްލުމުން އެކި ދިމަދިމާލުގައި ރޯވެގެން އުޅެނީ ކަމަށް،" އޭނާ ބުންޏެވެ.
މާފިށި ސަރަހައްދަކީ ހުޅުދޫ ކައިރީ އޮންނަ ހެރަތެރަ ރިސޯޓާ ވެސް ދިމާއަށް އޮންނަ ސަރަހައްދެެެވެ. ހުޅުދު އާއި ހެރަތެރަ ވަކިވެފައި އޮންނަނީ ޗެނަލަކުންނެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންނާއި އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
"ޗެނަލާ ވަރަށް ކައިރި ހިސާބެެއްގައި ވެސް އެބަހުރި ރޯވެފައި. ރިސޯޓްގައި ތިބޭ އިރު އަލިފާން ރޯވެފައިވާ ތަން ވަރަށް ރީތިކޮށް ރިސޯޓަށް ވެސް ފެންނާނެ. މާފިށި ސަރަހައްދުގެ މަގުން ދާ އިރު އެކި ދިމަދިމާލުގައި ރޯވެފައިވާ މަންޒަރު ފެންނަނީ،" ހުޅުދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. "މިހާރު އަލިފާން ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ބޭފުޅުންތަކެއް ވެސް ހުޅުދު އަށް އައިސްފައި ވަނީ."
އޭނާ އިތުރަށް ބުނީ ރަށުގެ އެހެން ދެ ސަރަހައްދެއްގައި ވެސް މިއަދު ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މާފިށި ސަރަހައްދުގައި މީގެ ކުރިން ވެސް ރޯވެ އަނދާފައިވާކަން ފާހަގަކޮށްލެވެ އެވެ.