ބާސެލޯނާގެ ތަރި ނޭމާ ޖޫނިއާ މިއަދު ޓީމުން ބޭއްވި ޓްރެއިނިންގް ސެޝަނެއްގައި ކުޅުންތެރިޔަކާ ތަޅާފޮޅުމަށް ފަހު ޓްރެއިނިން ގްރައުންޑު ދޫކޮށް ނިކުމެގެން ހިނގައްޖެ އެވެ.
ބާސެލޯނާ ދޫކޮށް ރެކޯޑު ފީއަކަށް ޕީއެސްޖީއާއި ގުޅެން އުޅޭ ކަމުގެ އަޑު ގަދަވެފައިވާ ނޭމާއާ މައްސަލަ ޖެހުނީ ބާސާއާ އަލަށް ގުޅުނު ނެލްސަން ސެމެޑޯއާއެވެ.
ސެމެޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން ނޭމާ ރުޅިގަދަވެ އޭނާ ގައިގައި ފައިން ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސެމެޑޯވެސް ނޭމާއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާއިރު ކުޅުންތެރިން ވަނީ ދެކުޅުންތެރިންގެ ދެމެދަށް ވަދެފައެވެ.
ދެވަނަ ފަހަރަށް ނޭމާ ސެމެޑޯއާ ދިމާލަށް ދާން މަސައްކަތް ކުރުމުން ހުއްޓުވާފައިވަނީ މިޑްފީލްޑަރ ބުސްކުއެޓްސްއެވެ.
އާންމުކޮށް އެކުވެރި ހިތްހެޔޮ މިޒާޖެއް ގެންގުޅޭ ނޭމާއަކީ އޭނާއަށް ގަސްދުގައި ފައުލް ކުރުމުން ރުޅިގަދަވާ ކުޅުންތެރިޔެއް ކަން ފާހަގަކުރެވެއެވެ.