Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އަމީތުގެ ބަންދަށް 15 ދުވަސް

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އަމީތުގެ ގެއިން އޭނާ ހައްޔަރުކޮށްފައިވާއިރު ކޯޓުން އަމީތު ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް، މެމްބަރަކު ނޫން ކަމަށް ކަނޑައަޅާފައިވާ މެމްބަރެއްގެ ހައިސިއްޔަތުން ވަނުމުގެ ތުހުމަތުގައެވެ.

ރައްޔިތުން އިންތިޚާބުކުރި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 6 މެމްބަރުންގެ ތެރޭގައި އަމީތް ހިމެނިވަޑައިގެންނެވި ނަމަވެސް އަމީތުގެ ފަރާތުން އެ މައްސަލަ ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ވަނީ ބަލައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކުގެ މެމްބަރުކަން ސުޕްރީމް ކޯޓުން ގެއްލިފައިވާ ކަމަށް ކަނޑަނާޅަނީ އެމެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާންވެފައިވާއިރު ގިނަ ބަޔަކު ވަނީ އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުމުގެ ގާނޫނީ ހައިސިއްޔަތާމެދު ވަނީ ސުވާލު އުފައްދާފައެވެ.