ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއްލާން ކުރި ގއ. ވިލިނގިލީ ދާއިރާގެ މަޖްލިސް މެމްބަރ ސައުދު ހުސެއިން މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
ސައުދު މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ވަޑައިގެންފައިވަނީ އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާއި އެކު މައުލޫމާތު އާއްމުކުރުން އެކަމުގެ ތަފްސީލު ހޯދުމަށެވެ.
ސައުދު ހައްޔަރު ކުރިކަން ފުލުހުން ޔަގީންކޮށްދީފައިވާ އިރު މީގެ ކުރިންވެސް ކޯޓު އަމުރެއްގެ ދަށުން ސައުދު ހައްޔަރު ކުރިއެވެ. ނަމަވެސް ކޯޓު އަމުރުގައި ސައުދުގެ ނަމުގެ ބަދަލުގައި މެމްބަރ އަމީތުގެ ނަން ޖެހިފައި އޮތުމުން ކޯޓު އަމުރު ސައްހަ ނޫންކަމަށް ނިންމައި ފުލުހުން ވަނީ ސައުދު ދޫކޮށްލާފައެވެ.
އޭގެ ފަހުން ރޭ ދެން ފެނުނީ ސައުދު ހޯދުމަށް ފުލުހުން އާއްމު އިއްލާނެއް ކުރިތަނެވެ. އެއިއްލާނާއި ގުޅިގެން ސައުދު ވިދާޅުވީ ނުފިލާނެކަމަށެވެ.
ސައުދު ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ސަފު ފަަޅާލި މައްސަލައިގެ ތަހްގީގަށެވެ.ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރ އަމީތު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު އާއި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސްވެސް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.