Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

ބޮލީވުޑް ތަރި އިންދަރް ކުމާރް މަރުވެއްޖެ

ސަލްމާން ޚާންގެ މަޝްހޫރު އެކްޝަން ފިލްމް "ވޯންޓެޑް" އިން ފެނިގެންދިޔަ ބޮލީވުޑްގެ އެކްޓަރު އިންދަރް ކުމާރް ނިޔާވެއްޖެއެވެ.

ޖުލައި 28 ވީ ހުކުރު ދުވަހު އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އިންދަރް އަށް ހާޓް އެޓޭކް ޖެހިފައި ވަނީ 28 ޖުލައި ދުވަހުގެ ދަންވަރު 12:30 އެހާކަށްހާއިރު އެވެ. އެއިރު އޭނާ ހުރީ މުމްބާއީގެ އަންދޭރީ ގައި ހުންނަ އޭނާގެ ގޭގައެވެ.

އިންދަރް ވަނީ ވަރަށް ގިނަ ފިލްމްތަކެއް ގައި މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ސަލްމާން އާއި އެކު 'ކަހީން ޕްޔާރް ނާ ހޯ ޖާޔޭ'، 'ތުމްކޯ ނާ ބޫލް ޕާޔޭންގޭ' އަދި 'ވޯންޓެޑް' ގައި މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އޭކްތާ ކަޕޫރްގެ މަޝްހޫރު ޓީވީ ސީރިއަލް ކަމަށްވާ 'ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ' ގައި މިހީރް ވިރާނީގެ ރޯލް އަދާކޮށްފައެވެ.

އިންދަރް މަރުވިއިރު އޭނާ ދިޔައީ "ފަޓީ ޕަޑީ ހޭ ޔާރް" ނަމަކަށް ކިޔާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

1996 ވަނަ އަހަރުގެ ފިލްމް "ކިލާޅިޔޯން ކާ ކިލާޅީ" ގައި އިންދަރް އާއި އެކު މަސައްކަތް ކުރި ރަވީނާ ޓަންޑަން ވަނީ ޓްވިޓާ މެދުވެރިކޮށް އިންދަރްގެ މަރާއި ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ.

ބޮލީވުޑްގެ އެހެނިހެން ބައެއް ތަރިން ވެސް ވަނީ އިންދަރްގެ މަރުގެ ހިތާމަ ފާޅުކޮށްފައެވެ.