Last Updated: June 29, 21:20
Monday, June 29, 2026
ވިޔަފާރި

އިންޑިއާގައި 200 ރުޕީސްގެ ނޫޓް ތަޢާރަފް ކުރަނީ

މިދިޔަ އަހަރު ފަހުކޮޅު އިންޑިއާގައި އަލަށް ތަޢާރަފް ކުރެވުނު 2،000 ރުޕީސްގެ ނޯޓްތައް ނައްތާލާނެ ކަމުގެ ޚަބަރުތައް ފެތުރެމުން ދާ މި ދަނޑިވަޅުގައި، 200 ރުޕީސްގެ ނޫޓްތައް ވަރަށް އަވަހަށް ތަޢާރަފް ކުރެވިގެންދާނެ ކަމަށް އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް އެންޑް ފައިނޭންސް ކަމަށްވާ ސަންތޯޝް ކުމާރް ގަންގްވާރް ވިދާޅުވެއްޖެ އެވެ.

ގަންގްވާރް ވިދާޅުވާ ގޮތުގައި 2،000 ރުޕީސްގެ ނޯޓްތައް ނައްތާލެވޭނެ ކަމުގެ އެއްވެސް ޚަބަރެއް ނެތް ކަމަށެވެ.

"އެކަމަކު 2،000 ރުޕީސް ގެ ނޫޓްތައް ޗާޕްކުރުން މަދުކުރުމަކީ ވަކި ކަމެއް. އެއީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ކަށަވަރު ކުރަން ޖެހޭ ކަމެއް އަދި. 2،000 ރުޕީސްގެ ނޫޓްތަކާއި ބެހޭގޮތުން މަޢުލޫމާތު ދޭނީ އާރްބީއައި އިން"، ގަންގްވާރް ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ތަޢާރަފް ކުރެވުނު އާ 2،000 ރުޕީސް ގެ ނޫޓްތައް އިތުރަށް ޗާޕްކުރުން ސަރުކާރުން ވަނީ ހުއްޓާލާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި 200 ރުޕީސްގެ ނޫޓްތައް ޗާޕްކުރުން ވަނީ މިހާރު ފެށިފައެވެ. އަދި ވަރަށް އަވަހަށް އެ ނޫޓްތައް ތަޢާރަފް ކުރެވިގެން ދާނެ އެވެ. 200 ރުޕީސްގެ ނޫޓްތައް ތަޢާރަފް ކުރުމުގެ މަޤްސަދަކީ ކުޑަ އަދަދުގެ ނޫޓްތައް ދައުރުވާ މިންވަރު އިތުރުކުރުމެވެ.

އަންނަ އޮގަސްޓް މަހު އާ 200 ރުޕީސް ގެ ނޫޓްތައް ތަޢާރަފް ކުރެވޭނެ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.