Last Updated: June 29, 21:20
Monday, June 29, 2026
ރިޕޯޓް

ކޮންމެ ދުވަހަކު ދެ ކިލޯމީޓަރަށް ފަތާފައި ވަޒީފާއަށް ދާ މީހެއް!

ޓްރެފިކުން ފުރިފައިވާ ޖަރުމަނުގެ ބިޒީ މަގުތަކުން ދަތުރުކުރުމުގެ އުނދަގޫ މާ ބޮޑުވުމުން ބެންޖަމިން ޑޭވިޑް ވިސްނީ މާ މޮޅު ގޮތަކާއިމެދު އެވެ.

އެގޮތުން މިހާރު ކޮންމެ ދުވަހަކު އޭނާ ވަޒީފާއަށް ދަނީ ފަތާފައެވެ. އާދެ! ކޮންމެ ދުވަހަކު ހެނދުނު އޭނާ ވަޒީފާ އަށް ދަނީ އޭނާގެ ލެޕްޓޮޕާއި، ސޫޓް އަދި ބޫޓް ވޯޓާޕްރޫފް ދަބަހަކަށް އަޅައިގެން، އެ ދަބަސް ބުރަކަށީގައި އަޅުވައިގެން ޖަރުމަނުގެ މިއުނިކް ގައި އޮންނަ އައިސަރ ކޯރުން 2 ކިލޯމީޓަރަށް ފަތާފައެވެ.

މޫސުމަށް ބަލާފައި އޭނާ ދަނީ ބައެއް ފަހަރު ދިގު ވެޓްސޫޓެއް ނޫނީ ފަތަން ލާ ސޯޓެއް ލައިގެންނެވެ. މީގެ އިތުރުން ކޯރުގައި ހުރެދާނެ ބިއްލޫރިފަދަ ތަކެތިން ސަލާމަތްވުމަށްޓަކައި އޭނާ ދަނީ ފެންފައިވާނަށް ވެސް އަރައިގެންނެވެ.

އޭނާގެ މި ޢަމަލުގެ ސަބަބުން ބައެއް ފަހަރު ބަލަން ތިބޭ މީހުންގެ ޖޯކާއި މަލާމާތް އޭނާ އަށް ރައްދުވެ އެވެ. އެކަމަކު އޭނާ ބުނަނީ އެއީ އެއްގަމުގައި ދިއުމަށްވުރެ ވަޒީފާ އަށް ގަޑިއަށް ދާން މާ އަވަސް އަދި އަރާމް ގޮތެއް ކަމަށެވެ.