Last Updated: April 27, 09:13
Saturday, April 27, 2024
ރިޕޯޓް

ސައްކެޔޮ ކާން ވީ ކީއްވެ؟

ސައްކޭލާއި އޭގެ އޮށަކީ ވެސް ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ދުޅަހެޔޮ ހަންގަނޑެއް ދެމެހެއްޓުމަށް ބޭނުންވާ ގިނަ ނިއުޓްރިއެންޓްތަކެއް ސައްކޭލުން ލިބެއެވެ. ތިރީގައި މިވަނީ ސައްކޭލުން ލިބޭ ބައެއް ފައިދާތަކެވެ.

1. ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ

ސައްކޭލަކީ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިން ސީ އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން އެއީ ދިފާޢީ ނިޒާމް ވަރުގަދަކޮށްދިނުމުގެ އިތުރުން އަރިދަފުސް ރޯނގާ، ވައިރަލް ހުމާއި ކެންސަރު އަދި ޓިއުމަރު ފަދަ ނާޒުކު ބަލިތަކުން ވެސް ރައްކާތެރި ކޮށްދޭ އެއްޗެކެވެ.

2. ހަކަތަ ލެވެލް އިތުރުކޮށްދޭ

ސައްކޭލަކީ ވަރަށް ގިނަ ހަކަތަ ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން އެއީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް، ހަށިގަނޑަށް ވަރަށް އަވަހަށް ހަކަތަ ހޯދައިދޭ އެއްޗެކެވެ.

3. ހިތުގެ ސިއްޙަތަށް ރަނގަޅު

ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމްގެ 10% ސައްކޭލުން ލިބެއެވެ. ޕޮޓޭސިއަމް އަކީ ސޯޑިއަމް ކޮންޓްރޯލް ކޮށް، އިލެކްޓްރޮލައިޓް ބެލެންސް ދަމަހައްޓައިދިނުމުގެ އިތުރުން މަސްތައް މަސައްކަތް ކުރާ ގޮތް ވެސް ރެގިއުލޭޓް ކޮށްދޭ ވަރަށް މުހިންމު މާއްދާއެކެވެ. މީގެ ސަބަބުން ލޭމައްޗަށް ދިއުމާއި ހިތުގެ ސިއްޙަތު ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށްޓަކައި ޕޮޓޭސިއަމް އަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

4. ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ

ސައްކޭލުގައި ވަރަށް ގިނަ ފައިބާ ހިމެނެއެވެ. އޭގެ މާނައަކީ އެއީ ދުޅަހެޔޮކަމާއި އެކީ ހަޖަމް ކުރުމަށާއި، ފަސޭހައިން ބޮޑުކަމުދިއުމަށް މަގުފަހިކޮށްދޭ އެއްޗެއް ކަމެކެވެ. އޭގެ ސަބަބުން ގޭސްޓްރޯއިންޓެސްޓިނަލް ޓްރެކްޓް ނުވަތަ ގޮހޮރު ސާފުކޮށް އަދި ދުޅަހެޔޮކަން މަތީ ހުރެއެވެ.

5. ކޯލޯން ކެންސަރު އަދި ޕައިލްސް އިން ރައްކާތެރިކޮށްދޭ

ސައްކޭލުގައި ހުންނަ ފައިބާ ގެ ސަބަބުން ކޯލޯން ގައި ހުންނަ ވިހައިގެ އަސަރު ކުޑަވެ، ކޯލޯން ކެންސަރު ޖެހުމުން ރައްކާތެރިކޮށްދެ އެވެ. މީގެ އިތުރުން ބަނޑުހަރުވުމުން ދުރުހެލިކޮށްދޭ އެއްޗަކަށް ވުމުން ސައްކޭލަކީ ޕައިލްސް އުފެދުން ވެސް ހުއްޓުވައިދޭ އެއްޗެކެވެ.

6. ލޯ ފުރިހަމައަށް ރައްކާތެރިކޮށްދޭ

ސައްކޭލަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އާއި އިންފެކްޝަންތަކުން ލޯ ރައްކާތެރިކޮށްދޭ ގިނަ އަދަދެއްގެ އެހެނިހެން ނިއުޓްރިއެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ސައްކެޔޮ ކެއުމަކީ ލޮލުގެ ފެނުން އިތުރަށް ރަނގަޅުވެ، ފެނުމާއި ގުޅުންހުރި ސިއްޙީ މައްސަލަތަކުން ދިފާޢުކޮށްދޭ ކަމެކެވެ.

7. ފްރީ ރެޑިކަލް އަދި މުސްކުޅިވުން ލަސްކޮށްދޭ

ސައްކޭލުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ތަކާއި ފެން އެކުލެވިގެންވެ އެވެ. އޭގެ ސަބަބުން ހަންގަނޑު ދުޅަހެޔޮކަން މަތީ ހުރެއެވެ. އަދި ހަންގަނޑު ރަނގަޅަށް މޮއިސްޗުރައިޒްވެ، ރޫޖެހުމުން ވެސް ދުރުހެލިކޮށްދެ އެވެ. ސައްކެޔޮ ކެއުމުގެ ސަބަބުން ހަމުގެ ޒުވާންކަން ދެމިގެންދެއެވެ.

8. ނޭވާހިއްލުމުގެ އަލާމާތްތައް ރަނގަޅުކޮށްދޭ

ސައްކޭލުގެ މޫ އަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ސައްކޭލުގެ މުލަކީ ނޭވާހިއްލުމުގެ އަލާމާތްތައް ރަނގަޅުކޮށްދޭ ފަރުވާއެކެވެ.

9. ކަށިތަކަށް ރަނގަޅު

ސައްކޭލުގައި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ކަށިތަކުގެ ސިއްޙަތު ރަނގަޅަށް ދުޅަހެޔޮކަން މަތީ ދަމަހައްޓައިދީ، ކަށިތަކުގެ ބަރުދަން އިތުރުކޮށްދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަށިތައް ފީވުމުން ރައްކާތެރިވެއެވެ.

10. އެނީމިއާ ޖެހުމުން ރައްކާތެރިކޮށްދޭ

ސައްކޭލުގައި ގިނަ އަދަދަކަށް އަޔަން ހުރުމުގެ ސަބަބުން ރެޑް ބްލަޑް ސެލްސް އުފެދޭ މިންވަރު އިތުރުވެގެން ދެއެވެ. އަދި ސައްކާލުގައި ހުންނަ ވިޓަމިން ސީ ގެ ސަބަބުން އަޔަން ލޭގެ ތެރެއަށް ދަމައިގަނެވޭ މިންވަރު އިތުރުވެ، އެނީމިއާ ބަލި ޖެހުމުން ދުރުހެލިކޮށްދެ އެވެ. މީގެ އިތުރުން ސައްކޭލުގައި ހުންނަ އެހެނިހެން ބައެއް މިނަރަލްތަކުގެ ސަބަބުން ލޭގެ ކޮލިޓީ ރަނގަޅުވެއެވެ.