ރައީސް ޔާމީންގެ ސިޔާސީ ކަންކަމަށް ފުލުހުންގެ މުއައްސަސާ ބޭނުން ކުރުމުން އޭގެ ނޭދެވޭ އަސަރާއި ގެއްލުން ލިބޭނީ ރާއްޖެއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ނަޝީދު ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މެމްބަރުން ކުރި މަސައްކަތަށް ސަލާމަތީ ބާރުތަކުން ހުރަސް އެޅުމާއި ގުޅިގެންނެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މަޖިލިސް މެމްބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އަޅައި ދިނުމަށާއި މެމްބަރުން މަޖިލީހަށް ވަނަ ދިނުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިންނަށް ގޮވާލާކަމަށެވެ.
މެމްބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހުގެ އިދާރާއަށް ވަންކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވަނީ ފުލުހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައެވެ.
ތިން މެމްބަރުންނަކީވެސް މެމްބަރުންނާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން، މެމްބަރުން މައްސަލަ ކޯޓުން ބަލައިގެންފައިވާ ތިން މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ.