Last Updated: July 26, 18:11
Sunday, July 26, 2026
ރިޕޯޓް

އައިޓީ ޕާކް ވަޢުދުން "މަރުތަޅު" ނުނެއްޓި 1362 ދުވަސް!

ރައީސް ޔާމީން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އައްޑޫއަށް ވަޑައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އައިޓީ ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިތާ މިއަދަށް 1362 ދުވަސް ވީއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ފާއިތުވި 1362 ދުވަހުގެ ތެރޭގައި އެ މަޝްރޫޢު އާއި ބެހޭ އެއްވެސް ވާހަކައެއް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ނުވާކަމެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު ރައީސް ޔާމީން ވިދާޅުވެފައި ވަނީ، "އައިޓީ ޕާކެއް ޤާއިމްކުރުމަކީ ވަރަށް ފަސޭހަ ކަމެއް" ކަމަށެވެ.

އައިޓީ ޕާކުގެ ޕްލޭނެއް އަދި އެކަމާއި ބެހޭ ވާހަކައެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، ސަރުކާރު ޕްރޮމޯޓް ކުރާ ފަރާތްތަކުން ސޯޝަލް މީޑިޔާގައި އައިޓީ ޕާކު "ޔަޤީން" ވާހަކަ ކޮންމެވެސް ވަރަކަށް ދައްކައެވެ.

މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

އައިޓީ ޕާކުގެ ވައުދެއް ވީގޮތެއް ރައީސް ޔާމީން މިހާތަނަށް ވިދާޅުވެފައި ނުވާއިރު އެ ވައުދުގައި ވެސް "މަރުތަޅެއް" އެޅުނީ ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީނަށް ދިވެހިރާއްޖޭގެ ދުސްތޫރު ވެސް އޮތީ "މަރުތަޅު" އެޅޭގޮތަށް ކަން އެނގިވަޑައިގެންނެވީ ވެރިކަމަށް 4 އަހަރު ވާން ކައިރިވެފައި ވަނިކޮށެވެ. ފަހަރެއްގައި އެމަނިކުފާނުގެ ދައުރު ހަމަވާން އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ އައިޓީ ޕާކަށް ވީގޮތެއް ވެސް ވިދާޅުވުމަކީ އެކަށީގެންވާ ކަމެކެވެ.

ރައްޔިތުންނަށް އެނގޭ ކަމަކީ، އައިޓީ ޕާކުގެ ވައުދުގައި "މަރުތަޅު" ނުނެއްޓި 1362 ވެއްޖެ ކަމެވެ.