ސާކް ސަމިޓްގެ ތައްޔާރީތަކުގެ ތެރެއިން ހުޅުމީދޫގައި ޖެހުމަށް ގެނެސްފައިވާ މަގު ބައްތި ނުޖެހިގެން އުޅެނީ ސިޓީ ކައުންސިލްގެ ފަރުވާ ކުޑަކަމުން ކަމަށާއި އެކަމަށް ކައުންސިލް އިހްމާލްވެފައިވާ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފި އެވެ.
އެސްޔޫއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ އައްޑޫގެ ރަށްރަށުގެ މަގުތަކުގައި ޖެހުމަށް ގެނެސްފައިވާ ބައްތިތަކުގެ ތެރެއިން ހުޅުމީދޫގައި ޖެހުމަށް ގެނެސްފައިވާ ބައްތިތައް މިހާތަނަށް ނުޖެހި ދިގުލައިގެން ގޮސްފައި ވަނީ ކައުންސިލުން އެކަން ކުރުވަން ނޫޅޭތީ އެވެ.
އޭނާ ވިދާޅުވީ ހުޅުމީދޫގައި މަގު ބައްތި ޖެހުމަށް ހިގާނެ ހަރަދުގެ އެސްޓިމޭޓް ދެ ފަހަރެއްގެ މަތިން ކައުންސިލުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ކުރުމަށް ކައުންސިލުން އެދިފައި ނުވާ ކަމަށެވެ.
"އެބޭފުޅުން ދެ ފަހަރެއްގެ މަތިން ބައްތި ޖެހުމަށް ހިގާނެ ހަރަދު ތަފްސީލު ހޯދައިފި. އެހެން ނަމަވެސް އޭގެ ފަހުން އަދި ހަބަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ހުޅުމީދޫގެ ބޮޑު މަގުގައި ކައުންސިލުން ބައްތި ޖަހަން ބޭނުން ވަނީ މިހާރު ޖަހާފައި ހުރި ބައްތި ތައް ނެގުމަށް ފަހު އެވެ. އަދި ކައުންސިލުން ބޭނުން ވަނީ ކޮންމެ 200 ފޫޓަކުން މަގުގެ ދެ ފަޅީގައި ބައްތި ޖެހުމަށެވެ.
ނަމަވެސް ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ ހުޅުމީދޫ އާއި އައްޑޫގެ އެހެން ރަށްތަކުގައި މަގު ބައްތި ނުޖެހިގެން އުޅެނީ އެސްޔޫއެލް އިން އެކަމަށް އެއްބާރުލުން ނުދީގެން ކަމަށެވެ.
ސިޓީ ކައުންސިލްގެ އިންފްރާސްޓަރަކްޗަ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެއިން ހިލްމީ ވިދާޅުވީ ކައުންސިލަށް ނޭގި އެސްޔޫއެލް އިން ބޭނުން ތާކު މަގު ބައްތި ޖަހަމުން އަންނަ ކަމަށެވެ.
އެގޮތުން އެސްޔޫއެލް އިން ހިތަދޫ އާރްއޭފް އޮފީސް ސަރަހައްދުގައި ކައުންސިލުން އައްޑޫގެ މަގުތަކުގައި ޖެހުމަށް ގެނެސްފައި ހުރި ބައްތި ތައް ޖަހަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމީދޫ މަގުމަތީގައި ޖެހުމަށް ގެނެސްފައިވާ މަގު ބައްތި ނުޖެހި ލަސްވާތީ އާއި އެ ރަށު މަގުމަތީގައި ގާ އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވާފައިވާތީ ދާދި ފަހުން ކައުންސިލަރުން ހުޅުމީދު އަށް ދިއުމުން ބަޔަކު ވަނީ އެމީހުންނާ ދިމާއަށް ހަޅޭއްލަވައި ނުރުހުން ފާޅުކޮށްފަ އެވެ.
ކައުންސިލުން އަންގައިގެން އެސްޔޫއެލް އިން ވަނީ ހުޅުމީދޫގެ ބޮޑު މަގުގައި ގާ އެތުރުމަށް ކަމަށް ބުނެ ބޮޑު މަގުގައި އިންދާފައި ހުރި ބިޔަ ހިޔާދޭ ގަސްތައް އުފުރާލާފަ އެވެ. އަދި ގަސް އުފުރުމަށް ފަހު ވެސް މަސައްކަތް ކުރިއަށް ނުގެންގޮސްފައިވާ އިރު މިގަސްތައް ނެގުމުން ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހޫނު ގަދަ ވެފަ އެވެ.