ދައުލަތުގެ އޮނިގަނޑުގައި އަމިއްލަ މަސްލަހަތާއި ފައިދާއަށް ކަންކަން ބަދަލުކޮށްލާފައިވާކަމަށާއި އޮނިގަނޑި އޮތީ ޤައުމީ މަސްލަހަތަށްވުރެ ސިޔާސީ މަސްލަހަތަށް ޖާގަދީފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބަންޑާރަ ނައިބްގެ މަގާމަށް އާޒިމާ ޝަކޫރު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި އާޒިމާ ވިދާޅުވީ ޤައުމުގެ އިސްވެރިޔަކަށް ހުންނަވާ މީހާ ޤައުމު ވަކި އަމާޒަކަށް ގެންދިއުމަށް މަސައްކަތްކުރާއިރު، އެހެނިހެން ދިމަދިމާއިން އެ މަސައްކަތްތައް ހުއްޓުވައި ހިފަހައްޓާ ތަން ފެންނަކަމަށެވެ.
އާޒިމާ ވިދާޅުވީ ޤާނޫނު އަސާސީއަކީ އެންމެ ފުރިހަމަ ޤާނޫނު އަސާސީކަމަށް ސިޔާސީ ފަރާތްތަކުން ސިފަކުރާއިރު، ޤާނޫނުގެ އެންމެ މުހިންމު ބައިތައް ބައެއް ސިޔާސީ ފަރާތްތަކުގެ ސިޔާސީ ފައިދާއަކަށްޓަކައި ދޫކޮށްލާފައިވާކަމަށެވެ
މިސާލެއްގެ ގޮތުގައި އާޒިމާ ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު އިޤްތިޞާދީ ތަރައްޤީއަށް އަމާޒު ހިފާފައިވާއިރު، އެ އަމާޒަށް ވާސިލް ވިޔަނުދިނުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކުރުމެވެ.
ރާއްޖޭގެ ދުސްތޫރީ ނިޒާމް ބައްޓަން ކުރެވިފައިވަނީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި ހުއްޓުވޭނެ ގޮތަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ބާރު ލިބޭގޮތަށް ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޤައުމީ މަސްލަހަތަށްވުރެ ސިޔާސީ މަސްލަހަތަށް ޖާގަ ދެވޭގޮތަށްކަމަށާއި ހުރިހާ އެންމެންވެސް މިކަމަށް ވިސްނަވަން ޖެހޭ ކަމަށެވެ.