Last Updated: June 22, 17:33
Monday, June 22, 2026
ކުޅިވަރު

ރެއަލް ބަލިކޮށް ބާސާ އައިސީސީ ކާމިޔާބުކޮށްފި

ޕްރީ ސީޒަނުގައި ބާއްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް (އައިސީސީ) ގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗު ބާސާ ކާމިޔާބުކޮށް ތަށި ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ހަ މިނެޓު ތެރޭގައި މެސީއާއި ރަކިޓިޗް ވަނީ ދެ ގޯލު ޖަހައި އަވަސް ލީޑެއް ނަގާދީފައެވެ. ނަމަވެސް ރެއާލުން ވަނީ މެޗުގެ ތެރެއަށް އަނބުރާ ވަނުމަށްފަހު ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. ރެއާލްގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ކޮވެޗިޗް އަދި އެސެންސިއޯއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ބާސެލޯނާ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ރެއަލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގާފައެވެ. ޒިދާންގެ ކުޅުންތެރިންނަށް މެޗުގެ ބާކީ ވަގުތުގައި ނަތީޖާ އަނބުރާނުލެވުނެވެ.

އެކުވެރިކަމުގެ މެޗަކަށް ދެޓީމުވެސް ނިކުމެފައިވާއިރު އާދައިގެ މަތިން ދެޓީމު ބައްދަލުކުރި މެޗު ވަނީ ފޯރިގަދަވެގެން ގޮސްފައެވެ. ރެއަލްގެ ކެޕްޓަން ރާމޯސް އެނބުރި ޓީމާއި ބައިވެރިވެފައިވާއިރު ރޭގެ މެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

މި ބައްޔާއެކު ރެއާލަށް ވަނީ ޕްރީ ސީޒަނުގައި ކާމިޔާބީއެއް ނުލިބިފައެވެ. މެން ޔުނައިޓެޑާއި ކުޅުމަށްފަހު ޕެނަލްޓީއިން ރެއަލް ބަލިވެފައިވާއިރު މެން ސިޓީއާ ދެކޮޅަށް ނިކުމެ 1-4 އިން ރެއާލް ވަނީ ބަލިވެފައެވެ. އަންނަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ރެއާލް ނިކުންނާނީ އަނެއްކާވެސް މެން ޔުނައިޓެޑާއި ދެކޮޅަށް ޔުއެފާ ސުޕަ ކަޕުގައެވެ.