މިދިޔަ ހޯމަ ދުވަހު ދިވެހި ސިފައިން މަޖިލިސް ބަންދުކޮށް، ގޭޓުތަކުގައި ތަޅު އެޅުމަށްފަހު ރޭގެ ދަންވަރު މަޖިލީހުގެ ތަޅު ނައްޓައި، މަޖިލިސް ހުޅުވައިފިއެވެ.
ހަ ދުވަސް ވަންދެން ސިފައިންގެ ބެލުމުގެ ދަށުގައި މަޖިލިސް ބަންދުކޮށްފައި އޮތްއިރު މަޖިލީހުގެ އެއްވެސް މެމްބަރަކަށްވެސް މަޖިލީހުގެ މައި އިދާރާ ތެރެއަށް ވަނުމުގެ ހުއްދަ ސިފައިން ދީފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތާވަލު ކުރި ދުވަހެވެ. ނަމަވެސް އެ ވޯޓު ނުނެގޭނެ ކަމަށް ފަހުން ވަނީ އަންގާފައެވެ. އިދިކޮޅު މެމްބަރުން ހޯމަ ދުވަހު މަޖިލީހަށް ގޮސްފައިވަނީ ޖަލްސާއެއް ބޭއްވުމަށާއި އެދުވަހަށް އެޖެންޑާކުރި ވޯޓު ނެގުމަށެވެ.
ނަމަވެސް ސިފައިން ވަނީ މަޖިލިސް ތަޅުލުމަށްފަހު މެމްބަރުންނަށް ނުވަދެވޭނެ ކަން އަންގާފައެވެ. މެމްބަރުން ވަންނަން އުޅުމުން ފުލުހުން ވަނީ ސިފައިންނާއެކު މެމްބަރުން ނުވެއްދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.
ނަމަވެސް ބައެއް މެމްބަރުން ވަނީ ސަފުތައް ފޫއަޅުވާލުމަށްފަހު މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެފައެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ ތިން މެމްބަރަކު މަޖިލީހުގެ ތެރެއަށް ވަނުމުގެ ސަބަބުން ފުލުހުން ވަނީ މިހާރު އެތިން މެމްބަރުންވެސް ހައްޔަރުކޮށްފައެވެ.