ހިތަދޫ ޕޯޓް ލިމިޓެޑް(އެޗްޕީއެލް) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ފާއިތުވި މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި ޙަސަން އަހުމަދު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން އަހްމަދުގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އެޗްޕީއެލްގެ ސީނިއަ ޓަގް ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ ހަސަން އަހުމަދު ވަޒީފާއިން ވަކިކޮށްފައި "އަޚްލާޤީ ފެންވަރު ދަށް" ކަމަށް ބުނެއެވެ.
ހަސަން އަހްމަދު ހިތަދޫ ބަނދަރުގައި މަސައްކަތް ކުރަން ފެށީ 2005 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 27 ގައެވެ. އޭރު އޭނާ ހުރީ ވަގުތީ ކްރޫއެއްގެ މަގާމުގައެވެ. އެހެން ނަމަވެސް ބަނދަރުގައި މަސައްކަތް ކުރި 11 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ހަސަން މުހައްމަދަށް ވަނީ 5 ފަހަރަށް މަޤާމުގެ ކުރިއެރުން ދީފައެވެ. އޭނާ ވަޒީފާ އިން ވަކިކުރި އިރު ހުރި ސީނިއަރ ޓަގް ޑްރައިވަރުގެ މަޤާމަށް ޕްރޮމޯޓްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
މި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާއިރު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ހަސަން އަހުމަދު ބުނީ، އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި ޓްރައިބިއުނަލް އިން އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ހަސަން އަހުމަދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއެލްގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ، އެޗްޕީއެލްގެ ވަޒީފާއިން ވަކިކުރީ ވެރިންގެ "ގޭގެ އަމިއްލަ މަސައްކަތް ކޮށްދިނުމަށް ނުގޮސްގެން" ކަމަށެވެ. އެހެން ނަމަވެސް އެވާހަކަތައް އެޗްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކްސްމޯޑް) ވަނީ ދޮގުކޮށްފައެވެ.