ސުރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ގޮތެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް އެ މެންބަރުން ހުށަހެޅުއްވި މައްސަލަ އާއި މެދު އަވަހަށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މުޅި ޤައުމު އޮތީ ސުޕްރީމް ކޯޓަށް މަޖިލިސް މެންބަރުން ހުށަހަޅުއްވާފައިވާ އެ މައްސަލަ ނިމޭނެ ގޮތަކަށް ބަލަން ކަމަށެވެ.
"ސުޕްރީމް ކޯޓަށް މެންބަރުން ހުށަހަޅާފައިވާ މައްސަލައިގައި އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ދެކެން. މުޅި ޤައުމު އޮތީ އެ މައްސަލަ ނިމޭނެ ގޮތަކަށް ބަލަން"
ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން އެ މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގަތީ މި މަހުގެ 24 ވަނަ ދުވަހުއެވެ.