Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ރައްޔިތުންގެ މަޖިލިސް ހިސޯރެއް ނުކުރަން: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިސޯރުކޮށްފައިވާ ކަމަށް ދައްކާ ވާހަކަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފި އެވެ.

މި މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މަޖްލިސް މެމްބަރުން މަޖްލިސް އިދާރާއަށް ވަންނަން ދިއުމުން އެތަނުގެ ގޭޓްގައި ތަޅު އަޅުވައި އެތަނުގެ ތެރެއަށް ވަން މަޖްލިސް މެމްބަރުން ބޭރުކުރިތާ ހަފްތާއެއް ފަހުން މިއަދު އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖްލިސް ބަންދުކުރީ އެތަނަށް ނުރައްކަލެއް ދިމާވެދާނެތީ، އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަޖްލިސްގެ އިދާރާއިން އެދިފައިވާތީ ކަމަށެވެ.

ދައުލަތުގެ މުވައްސަސާތައް ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ދިފާއީ ބާރާއި މަތިކޮށްފައިވާ ކަމެއް ކަމަށާއި، މަޖްލިސްގެ ޖަލްސާއެއް ކޮމެޓީ ބައްދަލުވުމެއް ޖުލައި 24އިން ޖުލައި 30 އާއި ހަމައަށް ނުބާއްވާނެ ކަމަށް މަޖްލިސްއިން ނިންމާފައި ވަނިކޮށް އެތަނަށް އިދިކޮޅު މަޖްލިސް މެމްބަރުން ވަދެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމަކީ ޢައިރު ގާނޫނީ ކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމާފައިވާތީ އެޅި ފިޔަވަޅެއްކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

ގައުމީ ދިފާއީބާރުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ކަމަށް ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކާއި ހަބަރުތަކަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ހުރުމަތް ކަނޑާލައި މުއައްސަސާގެ އަގު ވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕަގެންޑާ އެކެވެ،" މަޖިލިހުގެ އިދާރާގެ ގޭޓްތަކުގައި ތަޅު އަޅުވައި އިދިކޮޅު މެމްބަރުންނަށް ސިފައިން ހުރަސްއެޅިތާ ހަފުތާއެއް ފަހުން، ކަމުގެ ހަގީގަތް ބަޔާންކޮށްދިނުމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްއިން ވަނީ ރޭ 12އިން ފެށިގެން މަޖްލިސްގެ ގޭޓުތައް އާއްމު އުސޫލުން ހުޅުވާލާފައެވެ.