ޗެލްސީ މިޑްފީލްޑަރު ނެމަންޖާ މަޓިޗް މެން ޔުނައިޓެޑާއި ގުޅުމާއި ގާތަށް އަތުވެފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.
އެގޮތުން އިތުބާރުހުރި "ސްކައި ސްޕޯޓްސް" އިން ވަނީ މަޓިޗް ޔުނައިޓެޑަށް އައުމަށް ޔުނައިޓެޑުން ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ މިހާރު ނިމިފައި ކަމަށެވެ.
އަދި ވަރަށް އަވަހަށް މަޓިޗްގެ މެޑިކަލް ނިންމައި، ކުލަބުން އެކަން ރަސްމީކޮށް އަންގާނެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު، ފެލައިނީ ހޯދުމަށް ތުރުކީ ކުލަބު ގަލަޓަސަރޭ އިން ޔުނައިޓެޑަށް ބިޑު ހުށައެޅާފައިވާ ޚަބަރުވެސް ވަނީ އިނގިރޭސި މީޑިޔާގައި އިއްޔެއާއި މިއަދު ފެތުރިފައެވެ. ގަލަޓަސަރީގެ ޑިރެކްޓަރަކާ ހަވާލާދީ ގޯލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފެލައިނީ ވަނީ އެކުލަބަށް އައުމަށް އެއްބަސްވެފައެވެ.
އެހެންކަމުން ފެލައިނީގެ ބަދަލުގައި މަޓިޗް ގެނައުމަށް ޔުނައިޓެޑުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ޖޯސޭ މޮރީނިއޯ ވަނީ އަދި އެއް ކުޅުންތެރިޔަކު ސީޒަން ފެށުމުގެ ކުރިން ގެންނާނެ ކަމަށް ބުނެފައެވެ.