އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ތެރެއިން ހަތަރު ޑޮކްޓަރަކަށް އިތުރަށް ތަޢުލީމް ހާސިލް ކުރެއްވުމަށް ސްކޮލަރޝިޕް ދީފިއެވެ.
އެގޮތުން އެ ސްކޮލަޝިޕްތައް އޭގޭ ހައްޤުވެރިންނާއި ހަވާލުކުރީ އިއްޔެ އޭޑީކޭ ގައި އޮތް ރަސްމިއްޔާތެއްގައެވެ. ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުންތައް ޑޮކްޓަރުންނާއި ހަވާލުކޮށްދެއްވީ ޑެންޓަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަބްދުﷲ އަފީފެވެ.
ސްކޮލަޝިޕްތައް ލިބިފައިވާ ހަތަރު ޑޮކްޓަރުންނަކީ ގުރެއިޝާ ހަނީފު (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އިންޓާނަލް މެޑިސިން)، އައިޝަތު އިބްނާ އަދުނާން ( ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އޮޕްތަމޮލޮޖީ)، ލީނާ ސަލީމް (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ) އަދި ފާތިމަތު ނާސިހާ (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން ޕެޑިއެޑްރިކްސް) އަށެވެ.
ފަސް އަހަރު ވަންދެން ކޮންމެ އަހަރު ފަސް ޑޮކްޓަރުންނަށް ޕޯސްޓްގްރެޖުއޭޓް މެޑިކަލް ސްކޮލަޝިޕް ދޭނެ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރެއެވެ.
މިދިޔަ އަހަރު ވެސް އެ ހޮސްޕިޓަލުން ފަސް ސްކޮލަޝިޕް ދީފައިވާއިރު، މި އަހަރުގެ ސްކޮލަޝިޕް ލިބުނު ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ދަނީ މިހާރު ވެސް ތަޢުލީމް ހާސިލް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.