ވެނެޒުއެލާގައި އިއްޔެ ބޭއްވުނު އިންތިޚާބުގެ މެދުތެރެއިން އިންތިޚާބުގެ ކެންޑިޑޭޓަކާއި އިދިކޮޅު އެކްޓިވިސްޓަކު މަރާލައިފިއެވެ.
އެމީހުން މަރާލާފައި ވަނީ ޤާނޫނު އަސާސީ އަލުން ލިޔުމުގެ ބާރު ލިބޭ ޤާނޫން ހަދާ މަޖިލީހެއް ހޮވުމަށް ވޯޓްލާން ފެށުމުގެ ކުރިންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ރައީސް ނިކޮލަސް މަޑޫރޯ ހުރިހާ ބާރެއް އޭނާގެ މުށުތެރެއަށް ލުމަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އެމީހުން ވަނީ އިންތިޚާބު ބޯއިކޮޓް ކޮށްފައެވެ.
އެހެންނަމަވެސް ވެނެޒުއެލާގެ ސަރުކާރުން ބުނާ ގޮތުގައި ގިނަ މަސްތަކެއްގެ ވަރުގަދަ މުޒާހަރާތަކަށްފަހު، ޤައުމަށް އަމާންކަން ގެނެވޭނެ ހަމައެކަނި ގޮތަކީ އާ ޤާނޫން ހަދާ މަޖިލީހެއް އިންތިޚާބު ކުރުން ކަމަށެވެ.
އިންތިޚާބުގެ ކެންޑިޑޭޓެއް ކަމަށްވާ އުމުރުން 39 އަހަރުގެ ވަކީލު، ޖޯސީ ފީލިކްސް ޕިނޭޑާ ގެ ގަޔަށް އޭނާ ގޭގައި ހުންނަވަނިކޮށް ވަނީ ހޮނިހިރު ދުވަހުގެ ރޭ ބަޑި ޖަހާފައި ކަމަށް ވެނެޒުއެލާގެ އިސް މިނިސްޓަރަކު ވިދާޅުވި އެވެ.
މީގެ އިތުރުން އިދިކޮޅު އެކްސިއޮން ދިމޮކްރާތިކާ ޕާޓީ އާއިއެކު މަސައްކަތް ކުރަމުން ދިޔަ ޒުވާން ސެކެޓްރީ އެއް ކަމަށްވާ ރިކާޑޯ ކެމްޕީސް ގެ ގަޔަށް ވެސް މުޒާހަރާއެއްގެ ތެރެއިން ބަޑި ޖަހާފައެވެ.
ވެނެޒުއެލާގެ މީޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ވަނީ 10 މީހުން މަރާލާފައެވެ.
އިންތިޚާބު ނިމެންދެން ވެނެޒުއެލާގައި އެއްވެ އުޅުން އެޤައުމުގެ ސަރުކާރުން މަނާކުރުމާއި ގުޅިގެން، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ ކުރާ މީހުން ވަނީ ވެނެޒުއެލާގެ ވެރިރަށް ކެރަކަސްގެ މަގުތައް ބަންދުކޮށްފައެވެ.