އިންޑިއާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ ފަޅު ކައިރިން ދަތުރުކޮށްފައި ދިޔަ ބޯޓަކުން 1،500 ކިލޯގްރާމްގެ ހެރޮއިން ފުލުހުން އަތުލައިގަނެފި އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 550 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކަނޑުމަތީ ސިފައިންގެ ތަރުޖަމާނު ޑީކޭ ޝަރްމާ ބުނާ ގޮތުގައި އެއީ މިހާތަނަށް އެއްފަރަހާ އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެތި ކަމުގައެވެ.
އެ މަސްތުވާތަކެއްޗާއި އެކު ދަތުރު ކުރަމުން ދިޔަ ބޯޓް ވަނީ މިހާރު ހުޅަނގު ޕޯރްބަންދަރް ސިޓީ އަށް ގެންގޮސްފައެވެ.
އިންޑިއާ އަކީ ދުނިޔޭގެ މަސްތުވާތަކެތި ސްމަގްލް ކުރުމުގެ ވިޔަފާރީ ގެ ޓްރާންސިޓް ރޫޓްގެ ބައެކެވެ. އެއީ އިންޑިއާ އޮންނަނީ އަފްޣާނިސްތާނާއި ވަރަށް ކައިރީގައި ކަމަށް ވާތީއެވެ. އަފްޣާނިސްތާނަކީ ދުނިޔޭގައި ހެރޮއިންގެ މައިގަނޑު މާއްދާ ކަމަށްވާ އޯޕިއަމް އުފައްދާ އެންމެ ބޮޑު މަރުކަޒެވެ.
މަސްތުވާތަކެއްޗާއި ބެހޭ އދ. ގެ އިދާރާއިން ބުނާ ގޮތުގައި އަފްޣާން ހެރޮއިންގެ ބޮޑެތި ޝިޕްމަންޓްތައް އިންޑިއާ ކަނޑު ހުރަސްކޮށް އިރުމަތީ އަދި ދެކުނު އެފްރިކާ އަށް އެތެރެ ކުރެވޭ ކަމަށެވެ.
އިންޑިއާގެ އުތުރު ޕަންޖާބް ސްޓޭޓްގައި ހެރޮއިންގެ މައްސަލަތައް ވަރަށް ބޮޑެވެ.
އެގޮތުން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޕަންޖާބްގައި ދިރިއުޅޭ 15 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން، 860،000 އަށްވުރެ ގިނަ މީހުން މަސްތުވާތަކެތީގެ ކޮންމެވެސް ބާވަތެއް ބޭނުން ކުރެއެވެ. އޭގެތެރެއިން 53% މީހުން ހެރޮއިން ބޭނުން ކުރެއެވެ.