Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

މަދުރީގެ ހަޔާތުގެ މައްޗަށް ކޮމެޑީ ސީރީޒީއެއް

އިންޑިއާގެ މަޝްހޫރު އެކްޓްރެސް އަދި ނެށުންތެރިޔާ މަދޫރީ ޑިކްޝިޓްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ކޮމެޑީ ސީރީސް އެއް އެގްޒެކެޓިވް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ހޮލީވުޑްގައި ކުރިއަރަމުންދާ މަޝްހޫރު ބޮލީވުޑް ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ ފަށައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އަދި އެ ސީރީސް އަށް އެއްވެސް ނަމެއް ދީފައި ނުވާއިރު، އެ ސީރީސް ބިނާ ކުރެވޭނީ މާދުރީ ދިކްޝިތްގެ ދިރިއުޅުމުގެ މައްޗަށް ކަމަށާއި، ޕްރިޔަންކާ އާއި އެކު މާދުރީ ވެސް ދަނީ އެ ސީރީސް ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އެ ސީރީސް ގައި މާދުރީ އޭނާގެ ދިރިއުޅުން އިންޑިއާ އިން އެމެރިކާ އަށް ބަދަލުކުރި ގޮތާއި، އެމެރިކާގެ އާ މާހައުލަށް ފެތެން ކުރި މަސައްކަތާއި އޭނާގެ އާއިލާ ބަލަހައްޓަން ކުރި މަސައްކަތް ފެނިގެންދާނެ އެވެ.

ހަޤީގަތުގައި ބޮލީވުޑް އިން ބްރޭކެއް ނެގުމަށްފަހު މާދުރީ ކައިވެނި ކުރީ އެއިރު އެމެރިކާގައި ދިރިއުޅެމުން ދިޔަ ސްރީރާމް ނޭނޭ އާއި އެވެ. ދިރިއުޅުން އާބާދުކޮށް އާއިލާއެއް ފެށުމުގެ މަޤްސަދުގައި އެއިރު ސްރީރާމް ނޭނޭ ވަނީ އިންޑިއާގެ މުމްބާއީ ދޫކޮށް އެމެރިކާގެ ޑެންވާ އަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭނާ އާއިއެކު އެމެރިކާގައި ދިރިއުޅުމަށްފަހު މާދުރީ ވަނީ މީގެ ފަސް އަހަރު ކުރިން އެނބުރި އިންޑިއާ އަށް އައިސް އަނެއްކާވެސް ބޮލީވުޑާއި ގުޅިފައެވެ. ދެ ކުދިންގެ މަންމަ ކަމަށްވާ މާދުރީ އަކީ މިހާރު ވެސް ބޮލީވުޑްގެ އެންމެ މަޤްބޫލް ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މީގެ އެއް މަސް ދުވަސް ކުރިން މާދުރީ ވަނީ ކޮންމެވެސް އާ ކަމެއްގެ ޚަބަރެއް އިއުލާން ކުރާނެކަން ޓްވިޓާގެ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ހާމަކޮށްފައެވެ.

ޕްރިޔަންކާ މިހާރު ދަނީ އެމެރިކާގެ ޓީވީ ޝޯ "ކުއަންޓިކޯ" ގައި މަސައްކަތް ކުރަމުންނެވެ. މިދިޔަ މެއި މަހު އޭނާ ވަނީ "ބޭވޮޗް" ފިލްމާއި އެކު އޭނާގެ ހޮލީޗުޑް ޑެބިއު ހަދާފައެވެ. އަދި މިހާރު ޕްރިޔަންކާ ދަނީ ލިއާމް ހެމްސްވާތް އާއިއެކު "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިން ކުރަމުންނެވެ.