Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފަނޑިޔާރަކަށް އަންހެނަކު ހުއްދައެއް ނޫން: ޑރ. މަޖީދު

ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރު ކަމާއި ގާޒީ ކަމަށް އަންހެނުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ.މަޖީދު ވިދާޅުވީ، ޝަރުއީ ކޯޓުތަކުގެ ގާޒީންނާއި ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރަންޖެހޭނީ ފިރިހެނުން ކަމަށާއި އެއީ އިލްމުވެރިން އިއްތިފާގުން ވެފައިވާ މައްސަލައެއް ކަމަށެވެ.

ކީރިތި ޤުރުއާނުން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ ދީނީ އިލްމުވެރިޔާ ޑރ. މަޖީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުން ދާއިރު އެކަމުގައި އިސްލާމީ ޝަރީއަތުގައި އޮތް ގޮތް ސާފުކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައި ކަމަށްވާތީ މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަން ފާހަގަކުރައްވަމުން ޑރ.މަޖީދު ވިދާޅުވީ އޭގެ މަނާއަކީ ކޮންމެ ވަޒީފާއެއް އަންހެނުން އަދާކުރުން ނޫން ކަމަށާއި އެކަން ކުރަންވާނީ ދީނުގައި އޮތް އިމުގެ ތެރެއިން ކަމަށެވެ.

ދިވެހިރާއްޖެ އަކީ އިސްލާމީ ދައުލަތަކަށް ވާތީ އަޅުގަނޑުމެން ކަންކަން ކުރަން ވާނީ އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް ކަން ފާހަގަ ކުރައްވަމުން ޑރ. މަޖީދު ވިދާޅުވީ ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވާންޖެހޭނެ ކަމަށް ބުނާ ބުނުމަކީ ހުރިހާ އިލްމުވެރިން އިއްތިފާގުވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ހަނަފީ މަހުޒަބުގެ އިލްމުވެރިން ދެކޭ ގޮތުގައި އާއިލީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި އަންހެނުންނަށް ހުކުމް ކުރެވިދާނެ ކަމަށާއި އެކަމަކު (ގިނަ އިލްމުވެރިން) ޖުމްހޫރު އިލްމުވެރިން ދެކޭ ގޮތުގައި އެއްވެސް މައްސަލައެއް ނިންމަން ގާޒީންގެ މަގާމަށް އަންހެނުން އައްޔަންކުރުން ހުއްދަ ނޫން ކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ.

އަންހެނުން ގާޒީންގެ މަގާމަށް އައްޔަންކުރަން ބާރުދޭ އެއްވެސް ބަސްފުޅެއް ޤުރުއާނުގެ ސައްހަ މަގަކުން އައިސްފައި ނުވާ ކަމަށް މާލިކީ މަޒުހަބުގެ އިލްމުވެރިއެއް ކަމަށްވާ އަލް އިމާމު އިބުނުލް އަރަބިއްޔާ ވެސް ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ ގިޞާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލަތަކުގައި އަންހެނުން ކުރާ ހުކުމް ހުއްދަ ނުވާނެ ކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޝަރުއީ ގޮތުން އެންމެ ފަހުން ބަސް ބުނާ ކޯޓަށް ވެފައި އެތަނުން ގިޞާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލަ ބަލާނެތީ، އެ ކޯޓަށް އަންހެނަކު އައްޔަންކުރުމަކީ އިލްމުވެރިން ކަނޑައަޅުއްވާފައިވާ މިންގަނޑާއި އިސްލާމީ ޝަރީއަތުގެ ހަމަތަަކަށް ބަލާއިރު ހުއްދަ ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޑރ. މަޖީދު ވިދާޅުވީ މިސްރުގެ އަޒުހަރު ޔުނިވަސިޓީގެ އިސްލާމިކް ރިސާޗް ސެންޓަރުން 2008 ވަނަ އަހަރު ނެރެފައިވާ ގަރާރުގައި ވެސް އަންހެނުން ގާޒީ ކަމަށް އައްޔަންކުރެވިގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. މިސްރާއި ސައުދީ އަރަބިއްޔާގެ ބައެއް މުއައްސަސާތަކުން ވެސް އެގޮތަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.