Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ފެލެއިނީ އަށް ވުރެ އަހަރެން ގެންނަން ފަސޭހަ ވާނެ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރ، މެރުއޯން ފެލައިނީ ހޯދުމަށް ގަލަޓަސަރޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިޔާގައި ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފިއެވެ.

ފާއިތުވެދިޔަ ދެ ދުވަސް ތެރޭގައި އިނގިރޭސި މީޑިޔާގައި ފެލައިނީ ގަލަޓާސަރޭއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ޚަބަރު ވަނީ ފެތުރިފައެވެ. ނަމަވެސް މޮރީނިއޯ ބުނެފައިވަނީ ގަލަޓާސަރޭއިން ފެލައިނީ ހޯދުމަށްވުރެ ޚުދު އޭނާ ހޯދަންވެސް މާ ފަސޭހަ ވާނެ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ފެލައިނީއަކީ ވިއްކާލުމަށްވުރެ ކުލަބަށް މާ މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާ އެއްވެސް ހާލަތެއް ވިއްކާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވަލެރެންގާ ބައްދަލުކުރި މެޗުގެ ފުރަތަމަ 11 ގައި ފެލައިނީ ހިމަނާފައިވާއިރު އޭނާ ވަނީ ޔުނައިޓެޑުގެ ފުރަތަމަ ގޯލުވެސް ރޭގައި ޖަހާދީފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ފެލައިނީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ގޮސްފައިވަނީ ވަލެރެންގާ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި އިތުރު ދެ ގޯލު ފަހު ހާފުގައި ޖަހާފައިވާއިރު ލުކާކޫ ވަނީ އޭނާ އަށް ލިބުނު ފުރަތަމަ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ލުކާކޫވެސް ގޯލު ޖަހާފައިވަނީ ކޯނަރަކުން ހުރަސް ކުރި ބޯޅައެއް ބޮލުންނެވެ. މެޗުގެ ފަހު ގޯލު ޖަހާފައިވަނީ ޒުވާން ފޯވާޑް، މެކްޓޮމިނޭއެވެ.

ނެމަންޖާ މަޓިޗް ގެންނަން އުޅޭ ޚަބަރާއި މެދު މޮރީނިއޯ ބުނެފައިވަނީ އޭނާ ޔުނައިޓެޑާއި ގުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެނގިފައިވާ ކަމަށެވެ.