ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމިޓީ އަށް ހާޒިރު ކުރުމަށް އެ ކޮމިޓީއިން ފާސްކޮށްފި އެވެ.
ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ފާރިސް ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފައި ވަނީ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ޕެޓިޝަން ކޮމިޓީއަކީ ފާރިސް ހިމެނިވަޑައިގަންނަވާ ކޮމިޓީއެކެވެ.
އެހެންކަމުން ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ފާރިސް ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމައި، ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާރިސް ހާޒިރުކޮށްދިނުމަށް ވަނީ ފާސްކޮށްފައެވެ.
ރިޝްވަތު ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ފާރިސް މިމަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ފާރިސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މިހާރު ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚުސު އޮޅުވާލުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް އެބަދެއެވެ.