އާމިރް ހާން މިހާރު މަސައްކަތް ކުރަމުން އަަންނަ ރާޖް ކުމާރް ހިރާނީގެ "ޕީކޭ" ގައި އާމިރްގެ އަންހެނުން ކިރަން ރާއޯގެ ކެމިއޯއެއް ނުވަތަ ހާއްސަ ފެނިލުމެއް ހިމަނާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާމިރް ހާން ހިމަނައިގެން "3 އިޑިއަޓްސް" އުފެއްދި ހިރާނީގެ "ޕީކޭ" ގެ ޝޫޓިން ރާޖަސްތާންގައި ކުރިއަށްދާ އިރު އާމިރް އާ އެކު ވަގުތު ހޭދަ ކުރުމުގެ ގޮތުން އާމިރް ހިމަނައިގެން "ދޯބީ ގާތު" ޑައިރެކްޓް ކުރި އަންހެނުން ކިރަން އާއި ދަރިފުޅު އާޒާދު އަންނަނީ ފިލްމްގެ ސެޓްގައި ހަރަކާތްްތެރިވަމުންނެވެ.
މީގެ އިތުރުން މި ފިލްމްގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އާމިރްގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ވެސް އަންނަނީ މަަސައްކަތް ކުރަމުންނެވެ.
ފިލްމްގެ ސެޓްގައި މަސައްކަތް ކުރާ މީހަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކިރަން އެހާ ގާތުގައި ހަރަކާތްތެރިވަމުން އަންނާނީ އޭގެ ހާއްސަ ފެނިލުމެއް "ޕީކޭ" ހައި ހިމެނުމަށް ހިރާނީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެން ނަަމަވެސް މިކަމާ ގުޅޭ ގޮތުން އަދި އެންމެ ފަހުގެ ނިންމުމެއް ނިންމާފައިވާ ކަމަށް ކަށަވަރެއް ނުވެ އެވެ.
އާމިރްގެ ފުރަތަމަ ފިލްމް 1988 ވަނަ އަހަރު ރިލީޒްވި "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގައި އާމިރްގެ އޭރުގެ އަންހެނުން ރީމާ ދައްތާ ހާއްސަ ފެނިލުމަކުން ފެނިފައި ވާނެ އެވެ. އެއީ އެ ފިލްމްގެ "ޕާޕާ ކެހެތޭހޭ ބަޅާ ނާމް ކަރޭގާ" ލަވައިގެ ތެރެއިންނެވެ.
"ޕީކޭ" ގައި އާމިރް ހާނާ އެކު ލީޑް ރޯލުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އެވެ. އަދި މި ފިލްމްގެ މުހިއްމު ރޯލަކުން ސަންޖޭ ދަތު ވެސް ފެނިގެން ދާނެ އެވެ.