އިސްލާމީ ޝަރީއަތުގައި އަންހެން ކަނބަލުންނަށްވެސް ސިޔާސީ އަދި ޝަރުއީ މަގާމުތައް ފުރުއްވޭނެ ކަމަށް ސާފު ހެކިތަކުން ސާބިތުވާ ކަމަށް ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަންހެނުންނަށް ފަނޑިޔާރުކަން ކުރުމަށް އިސްލާމީ ޝަރީއަތުގައި ތަން ނުދޭ ކަމަށް ވިދާޅުވުމުންނެވެ.
މައުމޫންވެސް ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ހުންނެވި ނަމަވެސް ރޭގައި އެމަނިކުފާނު ޑރ. ބާރީގެ ބަސްފުޅަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މިއަދު ހެނދުނު މައުމޫން ކުރެއްވި ޓުވީޓެއްގައި ބާރީ ދެއްކެވި ވާހަކަފުޅަކީ މުޅިން ސައްހަ ވާހަކައެއް ނޫން ކަމަށް ދޭހަވާ ގޮތަށް ބަސްމަގު ފަރުމާކުރައްވާފައިވެއެވެ.
މައުމޫން ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތުގައި އަންހެނުން ފަނޑިޔާރުންގެ މަގާމަށް އައުމާއިމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށާއި އެހެންނަމަވެސް ފަނޑިޔާރުކަމުން ނުވަތަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރުމުން އަންހެނުން ބަރީއަ ކުރުވާ އެއްވެސް ހެއްކެއް ނެތް ކަމަށް މައުމޫން އިތުރުކޮށްފައިވެއެވެ.
ޑރ. ބާރީ މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އާޒިމާ ޝުކޫރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގެންނަން އުޅޭ ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޑރ. ބާރީ އެގޮތަށް ވިދާޅުވުން އާޒިމާއަށް ވީ ޖޯކެއް ކަމަށް އާޒިމާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.