Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސްޓެލްކޯގެ ކުރީގެ ވެރިޔާ ޝުކޫރަށް ދައުވާ ކުރަނީ

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުއް ޝުކޫރު، ފޮޓޯ: އަވަސް

ޑޮލަރު ގެނެ ވިއްކުމުގެ ލައިސަންސް ނެތް ކުންފުންޏަކަށް ގިނަ އަދަދެއްގެ ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ދޫކުރި މައްސަލައެއްގައި ކުރީގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަބްދުއް ޝުކޫރު އާއި އެތަނުގެ ފައިނޭންގެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ ޝުކޫރު އާއި ފައިނޭންސްގެ ވެރިއާގެ މައްޗަށް ދައުވާ ކުރުމަށް އެދިފައިވަނީ ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއް ކަމަށް މަނިޓަރީ ގަވާއިދުގައި ބަޔާންކޮށްފައިވަނިކޮށް އެ ގަވާއިދާ ހިލާފަށް ފައިސާ ހަރަދު ކުރުމުގެ ހުއްދަ އެމްޑީއާއި ފައިނޭންސް ހެޑު ދީފައިވާތީ ކަމަށެވެ.

ޝުކޫރު އާއި ފައިނޭންސް ޑިޕާޓްމަންޓްގެ ވެރިޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މާއްދީ ފައިދާ ހޯދައިދޭން މަސައްކަތް ކުރިކަމަށާއި ބޭރު ފައިސާ ގަތުމަށް ހުއްދަދީ އެޑްވާންސް ފައިސާ ދިން ކުންފުންޏަކީ އެފަދަ މުއާމަލާ ކުރުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެއް ނޫންކަމަށްވެސް އޭސީސީ ދައުވާގައިވެއެވެ. އަދި ސްޓެލްކޯއިން އެޑްވާންސްކޮށް ދެ ލައްކަ ޑޮލަރު ކުންފުންޏަށް ލިބިފައި ނުވާތީ އެފައިސާ ހޯދުމަށްވެސް އެދިފައިވެއެވެ.

ސްޓެލްކޯއިން ވަނީ ފައިސާ ނުލިބިގެން އެޑްވާންސަށް ފައިސާ ދިން ކުންފުނީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ސްޓެލްކޯއިން ފައިސާތަކެއް ގެއްލުނު މައްސަލަ ފެންމަތިވި ފަހުން ޝުކޫރު ވަނީ އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވާފައެވެ.