Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ދޯނީގައި މަސްފިނި ކުރަން މަޝްވަރާކޮށްފި

އައިސްލޭންޑު ކުންފުންޏާއި ފިޝެރީޒް މިނިސްޓްރީން މަޝްވަރާ ކުރަނީ: ފޮޓޯ - ޑރ. ޝައިނީ

ރާއްޖޭގައި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިއަހަރު ނިމުމުގެ ކުރިން ބައެއް ދޯނިފަހަރުގައި މަސް ފިނި ކުރާ ނިޒާމު ގާއިމު ކުރެވޭނެ ކަމަށް ފިޝެރީޒް މިނިސްޓަރު، ޑރ. ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި މަސައްކަތް ކުރުމަށް އައިސްލޭންޑުގެ ކުންފުންޏަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި އުއްމީދަކީ މިއަހަރު ނިމެންވާއިރަށް މި ނިޒާމު ގާއިމުކުރެވިފައިވާ ދޯނި ތަކުގައި ދިވެހިން މަސްވެރިކަން ކުރުމަށް ކަމަށެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ކުރެއްވި ކެމްޕޭނުގައި މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެފައިވާއިރު އެއިން ގިނަ ވައުދުތަކެއް ދައުރު ނިމެން ކައިރިވެފައިވާއިރުވެސް ނުފުއްދޭ ކަމަށް ބުނެ މަސްވެރިންގެ ފާޑުކިޔުންތައް ދޭތެރެ ދޭތެރެއިން ޝައިނީއަށް އަމާޒުވެއެވެ.

ދާދި ފަހުންވެސް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް(ޓޮމް) ވަނީ މިނިސްޓަރު ޝައިނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓޮމް ވަނީ މިސަރުކާރުން މަސްވެރިންނަށް ކުރި ވައުދުތައް ފުއްދައި ނުދެވޭތީ ކަމަށްބުނެ ޕީޕީއެމަށް ކުރަމުން އައި ތާއީދުވެސް އަނބުރާ ގެންގޮސްފައެވެ.