ޖާނުން ފިދާވެގެން ދިން ހަމަލާއަކާއި ގުޅިގެން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ބަޑިހިފައިގެން ތިބި ހަނގުރާމަވެރިންނާއި ހަމަލާތައް ބަދަލުކޮށްފައެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިރާޤުގެ އެމްބަސީ ބޭރުގައި ހިނގި އެ ހަމަލާ ފެށިގެން ދިޔައީ އެމްބަސީގެ ގޭޓް ކުރިމަތީގައި ހުރެ މީހަކު ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއަކާއި ގުޅިގެންނެވެ. އެ ހަމަލާއަށްފަހު ވަގުތުން އިތުރު ތިން މީހުން ވަނީ އެ ސަރަޙައްދަށް ވަދެފައި ކަމަށް އަފްޣާންގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.
އެ ހަމަލާގައި އަފްޣާން އެމްބަސީގެ ދެ މުވައްޒަފުން ވަނީ މަރުވެފައި ކަމަށާއި ފުލުހުންގެ އޮފިސަރަކާއި އިތުރު ދެ މީހުންނަށް ވަނީ ޒަޚަމްވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ.
ގިނަ ގަޑިއިރުތަކަކަށް ދެމިގެންދިޔަ ބަޑީގެ ހަމަލާތަކަކަށްފަހު ހުރިހާ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް އަފްޣާންގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
މި އަހަރު ތެރޭގައި އައިއެސް ނުވަތަ ތާލިބާނުން ޒިންމާ ނަގާފައިވާ ގިނަ ހަމަލާތަކެއް ކާބުލް އަށް ވަނީ ދީފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެއީ ކާބުލް ގައި ހުންނަ އިރާޤުގެ އެމްބަސީ އަށް ދެވުނު ފުރަތަމަ ހަމަލާއެވެ. އެ ހަމަލާ ދީފައި ވަނީ އިރާޤުގެ މޮސުލް ސިޓީގައި އައިއެސް ގްރޫޕް ބަލިކޮށްލުމުގެ އުފާ އެ އެމްބަސީގައި ފާޅު ކުރިތާ ދެ ހަފްތާ ފަހުންނެވެ.
އދ. ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އަފްޣާނިސްތާނުގެ 1،662 އާންމުން ވަނީ އެކިއެކި ހަމަލާތަކުގައި މަރާލާފައެވެ. އޭގެތެރެއިން 20% މީހުން މަރުވެފައި ވަނީ ވެރިރަށް ކާބުލްގައެވެ.